2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު 3 އިންސައްތައިން އިތުރުވެ، ޖުމުލަ 966.4 މިލިއަން ޑޮލަރަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު 28.7 މިލިއަން ޑޮލަރުން އިތުރުވެފައިވެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ މައިގަނޑު ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް ފެނިފައިވަނީ ޓްރާންސްޕޯޓު ދާއިރާގެ ވަސީލަތްތަކާއި ބައިތަކުން ކަމަށްވާއިރު، މިއީ 59 އިންސައްތައިގެ އިތުރުވުމެކެވެ. މިއާއެކު މި ދާއިރާއިން 43.1 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެއެވެ.
ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރި މިންވަރުވެސް ވަނީ 10 އިންސައްތަ އިތުރުވެފައެވެ. މިއީ 18.2 މިލިއަން ޑޮލަރުގެ އަގުހުރި މުދަލެވެ. އަދި ފަރުނީޗަރާއި ފިޓިންގް ފަދަ ތަކެތި އިމްޕޯޓުކުރި މިންވަރު 54 އިންސައްތައިން އިތުރުވެ، 14.1 މިލިއަން ޑޮލަރަށް އަރާފައިވެއެވެ.
ނަމަވެސް، ބައެއް ބާވަތްތަކުގެ މުދާ އެތެރެކުރި މިންވަރު ވަނީ ދަށްވެފައެވެ. މިގޮތުން ޕެޓްރޯލިއަމް ޕްރޮޑަކްޓްތައް އިމްޕޯޓުކުރި މިންވަރު 10 އިންސައްތަ ދަށްވެ، 20.3 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ. މީގެއިތުރުން މެޝިނަރީ އާއި މެކޭނިކަލް ވަސީލަތްތައް އެތެރެކުރި މިންވަރު 16 އިންސައްތައިން ދަށްވެފައިވާއިރު، ސިއްހީ ދާއިރާގެ ވަސީލަތްތައް އެތެރެކުރި މިންވަރު 39 އިންސައްތައިން ދަށްވެފައިވެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މި ކުއާޓާރގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޭޝިއާ ބައްރުންނެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރި މުދަލުގެ 83 އިންސައްތަ އަންނަނީ އޭޝިއާ ސަރަހައްދުންނެވެ.

