މި ސަރުކާރުން އިއުލާނު ކުރި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިދިކޮޅު މައިޕާޓީ އެމްޑީޕީންވެސް ގޮވާލައިފިއެވެ.
އެމްޑީޕީން ބުނީ، ފްލެޓު ލިސްޓާ ގުޅޭ ޝަކުވާއެއް އޮތްނަމަ https://flat.mdp.org.mv މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
މީގެ އިތުރުން، 7571637 ނަންބަރަށް ވަޓްސްއެޕް، ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި، މާދަމާ ރެއިން ފެށިގެން ކޮންމެ ރެއެއްގެ 09:15 އިން ފެށިގެން 11:30 އަށް ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށީ ހަރުގެއަށް ވަޑައިގެން ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިންގ މިނިސްޓްރީން ހުޅުވާލާފައިވާއިރު، އެ ފުރުސަތު ހުޅުވާލާފައިވަނީ 31 މާރޗުގެ ނިޔަލަށެވެ. އެގޮތުން ޝަކުވާ ހުށަހަޅާނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.
ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ހައްގު ވެރީންނަށް ފްލެޓް އެކަށައެޅުމަށް ފަހު، ބާކީ ފްލެޓް ހުރިނަމަ، ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނޭކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ބޯހިޔާވަހިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ދައުރު ނިމުމުގެ ކުރިން އެންމެ ގިނަ ހައުސިން މަޝްރޫއުތައް ހިންގައި މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ހިނގަމުން މިދާ 2025 ވެގެން ދާނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެންމެ ގިނަ ހައުސިންއާއި ގުޅުން ހުރި ޕްރޮޖެކްޓުތައް ހިނގާނެ އަހަރަށެވެ.

