ޑިމޮކްރެޓިކް ނިޒާމުގެ ނަޒާހަތްތެރިކަން ހިމާޔަތް ކުރުމަށް، ގާނޫނު އަސާސީއާއި ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ވަނީީ ސަރުކާރުން ރާއްޖޭގެ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމަށް އަވަސް އަރުވައިލައިގެން ގާނޫނުތަކަށް އިސްލާހު ގެނެސްފައިވާ ކަމަށް ބުނެ ދައްކާވަހަކަ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޓްރާންސްޕޭރެންސީން ބުނެފައި ވަނީ މަލްޓިޕަޓީ ޑިމޮކްރަސީގެ ބަދަލާއެކު ބޮޑެތި ގޮންޖެހުންތަކަކާއި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހުނުނަމަވެސް މިހާ ހިސާބަށްއައިއިރު ޑިމޮކްރެޓިިކް އިސްލާހެއްގެ ފައިދާ ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މި ފަހުން ޑިމޮކްރެޓިކް ނިޒާމު ފަހަތަށް ސޮއްސާލަމުންދާ ދިއުމަކީ އަހަރުތަކެއް ވަންދެން ރާއްޖެއަށް އެ ނިޒާމުގައި ލިބިފައިވާ ކުރިއެރުމަށް މުސްތަގުބަލުގައި ނުރައްކާކުރާނެ ކަމެއް ކަމަށެވެ.
ޓްރާންޕޭރެންސީން ބުނެފައިވަނީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ނަޒާހާތްތެރިކަން ހިމާޔަތްކުރުމަށް ސަރުކާރުން ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނުނަށް ގެނެސްފައިވާ އިސްލާހުތަކާއިމެދު އިތުރަށް ވިސްނައި އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަވަސް އަރުވައިލަިގެން ފާސްކޮށްފައިވާ ގާނޫނުތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ އާއި ޝަރުއީ ނިޒާމުގެ މިނިވަންކަން ގަންބުވާލާފައިވާ ކަމަށް ޓްރާންސްޕޭރެންސީން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން ގާނޫނުތަކުގެ ނިޒާމާއި، ޑިމޮކްރެޓިކް ހަމަތައް އަދި އާއްމުންގެ ބަހަކަށް ބެލުމެއްނެތި މިފަދަ ނިންމުންތައް ނިންމާފައިވަނީ ސިޔާސީ ބޭނުމަށް ކަމަށް ވަނީ ބުނެފައެވެ. ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ އިސްލާހުތަކުގެ ސަބަބުން މަޖިލަިސް މެމްބަރުންގެ މިނިވަންކަން ގެއްލި ޕާޓީން ބުނާހާ ގޮތަކަށް ވޯޓު ދޭން މެންބަރުން މަޖުބޫރުވެފައިވާ ކަމަށެވެ.

