2024 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ކާގޯ އެތެރެކުރި އަހަރުކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގެ ހިދުމަތްތައް ހަރުދަނާކޮށް، ރަނގަޅު ކުރުމަށް މިދިޔަ އަހަރު ގިނަ މަސައްކަތްތައް ކުރެވުނެވެ.
ވަޖީހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2024 ވަނަ އަހަރު ރާއްޖެއަށް 66،638 ޓީޔޫގެ ކޮންޓެއިނަރައިޒްޑް ކާގޯ އެތެރެ ކުރެވުނު ކަމަށެވެ. އަދި 150،692 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ އެތެރެކޮށްފައިވާކަމަށް ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވި ގޮތުގައި މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ކޮންޓެއިނަރައިޒްޑް ކާގޯގެ 7 އިންސައްތަ އިތުރު އަދަދެކެވެ. އަދި ޖެނެރަލް ކާގޯއަށް ބަލާއިރު އެއީ 29 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެކުރިން މި ރެކޯޑު ގާއިމު ކުރެވިފައި ވަނީ 2018 އަދި 2019 ގައެވެ. ވޭތުވެ ދިޔަ 5 އަހަރަށް ބަލާއިރު، ކޮވިޑުގެ 2 އަހަރު ދުވަހަށްފަހު ވެސް ކާގޯ އިތުރުވި އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަން ވަޖީހު ފާހަގަކުރެއްވި އެވެ.
ވަޖީހު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް، ރާއްޖޭގެ އިގުތިސާދަށް ދިރުން އައިސްފައިވާކަން، ކަށަވަރު ކޮށްދެނީ، ނިމިދިޔަ އަހަރު ރާއްޖެ އައި ކާގޯގެ އަދަދު އެހެން އަހަރު ތަކާ އަޅާ ބަލާއިރު ބޮޑުތަނުން އިތުތު ވެފައިވާ ކަމުންނެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ވަޢުދު ފުޅު ތަކުގެ ގިނަ ޕޮރޮޖެކުޓުތަކެއް 2025 ވަނަ އަހަރު ފެށިގެން ދިއުމުން ރާއްޖޭގެ އިގުތިސާދަށް ދުވަހަކުވެސް ނުލިބޭވަރުގެ ކުރިއެރުމެއް މި އަހަރު ލިބިގެން ދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވި އެވެ.
މިކުރިއެރުމާއެކު ރާއްޖެ އަންނަ ކާގޯގެ އަދަދު ވަރަށްބޮޑު ތަނުން އިތުރުވެގެންދާނެތީ، ޕޮރޮޖެކުޓުތަކަށް ދަތިނުވާ ގޮތަށް ކާގޯ މެނޭޖު ކުރުމަށްޓަކައި އެމްޕީއެލް އިން ތައްޔާރުވަމުންދާކަން ވަޖީހު ފާހަގަކުރެއްވި އެވެ.

