ރިޝްވަތާއި ދިއްކޮށްލާ ލާރިކޮޅާއި ނޫނީ ޢާއިލީ ގުޅުމެއްގެ ތެރެއިންވެސް ޖަލުގެ ގޮޅިތަކުގެ ތެރެއަށް ވައްދަން މަނާތަކެތި ވެއްދުމުގެ ފުރުޞަތު އެއްވެސްވަރަކަށް ނުދެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސީޕީ އެފަދައިން ވިދާޅުވީ “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 12 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ސީޕީ ވިދާޅުވީ، ދަސްވެނިވި ދަރިވުން ދެން މަސައްކަތުގެ މައިދާނަށް ނިކުމެވަޑައިގަންނަވާނީ ވަރަށް މުހިއްމު ޤައުމީ މަސައްކަތެއް ކުރުމަށް ކަމަށާއި، ޖަލުތަކުގައި މަސައްކަތްކުރައްވާ 500 އެއްހާ އޮފިސަރުންނަކީ 24 ގަޑިއިރު ތެރޭގައި އެ މަސައްކަތުގައި ދެމިތިބޭ ޤައުމީ ބަޠަލުންކަމަށެވެ.
ހަމައެއާއެކު، ޖަލު އޮފިސަރުންނަކީ އެއްވެސް ފަސް ޖެހިލުމެއްނެތި ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް މަސައްކަތްކުރަމުންދާ ހީވާގި، މުރާލި ބައެއްކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ކޮމިޝަނަރ އިތުރަށް ވިދާޅުވީ ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަކަމެއް ނޫން ކަމަށާއި ޤައިދީއަކު ޤައިދުކުރުމަކީ އޭނާގެ އަސާސީ ޙައްގުތަކުން އޭނާ މަޙުރޫމްވުމެއްނޫންކަމަށެވެ. އެހެންކަމުން އެ އަސާސީ ޙައްގުތައް ފޯރުކޮށްދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން އަތުކުރި އޮޅާލައިގެން ތިއްބެވިކަމަށް ސިޕީ ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޝްވަތާއި ދިއްކޮށްލާ ލާރިކޮޅާއި ނޫނީ ޢާއިލީ ގުޅުމެއްގެ ތެރެއިންވެސް ޖަލުގެ ގޮޅިތަކުގެ ތެރެއަށް ވައްދަން މަނާތަކެތި ވެއްދުމުގެ ފުރުޞަތު އެއްވެސްވަރަކަށް ނުދެއްވުމަށް ސީޕީ ނަސޭހަތްތެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ޕެރޭޑް ޖެހުމާއި ކޯސް ކުރިއަށް ދިޔަ ގޮތުގެ ވީޑިއޯ ރިޕޯޓް ހުށަހެޅުން ހިމެނުނެވެ. އަދި ހުރިހާ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވާއިރު، ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވާފައިވެއެވެ.
15 ހަފްތާއަށް ކުރިއަށްދިޔަ މި ޕްރޮގްރާމްގެ މި ބެޗްގައި އެމްސީއެސްގެ ވަޒީފާއާ އަލަށް ގުޅުނު 39 ޓްރޭނީން ބައިވެރިވެފައިވާއިރު، އެކި ސަބަބުތަކާ ހުރެ ޓްރޭނިންގ ފުރިހަމަކޮށްފައިވަނީ 33 އޮފިސަރުންނެވެ.

