ވަޒީފާގެ ރައްކާތެރިކަން ނެތުމަކީ ދާއިރާތަކުގައި ކުރިއަށް ދިއުމުގައިވެސް ހުރަސްއެޅޭ ކަމެއްކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަޤާމުގައި ކުރިން ހުންނެވި އައިޝާ ނޫރައިން ޖަނާޙް ގޮވާލައްވައިފިއެވެ.
ސަންގުޓީވީގެ ސިޔާސަތު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނޫރައިން ވިދާޅުވީ، ފުދުންތެރިކަން އިތުރުކުރެވޭނީ އަންހެނުންވެސް ވަޒީފާގެ މާހައުލުގައި ޙަރަކާތްތެރިވާ މިންވަރު މިހާރަށްވުރެ އިތުރުކޮށްގެން ކަމަށާއި، ވަޒީފާގެ ބާޒާރަށް ބަލާއިރު، ގިނައިން ޙަރަކާތްތެރިވަނީ ފިރިހެނުން ކަމަށެވެ.
އެހެންނަމަވެސް ތައުލީމަށް ބަލާއިރު، ރަނގަޅު ނަތީޖާ ހޯދާ އަންހެނުންގެ އަދަދު ނިސްބަތުން ގިނަކަމަށް ނޫރައިން ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއިން ކުރިއަށްގޮސްފި، ނަމަވެސް ވަޒީފާގެ މާހައުލުގައި އެބަޖެހޭ ހަމަހަމަކަމެއް ގެންނަން
ނޫރައިން އިތުރަށް ވިދާޅުވީ، މުސާރައިގެ ހަމަހަމަކަންވެސް ގެންނަން ޖެހޭ ކަމަށާއި، ވަޒީފާގެ ރައްކާތެރިކަން ޤާއިމުކޮށްދިނުންވެސް މުހިއްމު ކަމަށެވެ. އަދި ވަޒީފާގެ ރައްކާތެރިކަން ނެތުމަކީ ދާއިރާތަކުގައި ކުރިއަށް ދިއުމުގައިވެސް ހުރަސްއެޅޭ ކަމެއްކަމަށް ނޫރައިން ވިދާޅުވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާއި އިމާރަތްކުރުމުގެ ދާއިރާ ފަދަ އެކި ދާއިރާތަކުގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރު ކުރެވިދާނެ ގޮތްތައް އެބަހުރިކަމަށް ނޫރައިން ފާހަގަ ކުރެއްވިއެވެ.
އެހެންނަމަވެސް އެކަންކަމުގައި އެކި ފަރާތްތަކަށް އެކި ކަހަލަ ހުރަސްތައް ކުރިމަތިވާކަމަށްވެސް ވިދާޅުވިއެވެ.

