ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ ވޭޕުތަކެއް އަތުލައިގަނެވިފައިވާކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާގޮތުން އެ މުއައްސަސާއިންވަނީ މާޗު މަހުގެ 18 ވަނަ ދުވަހު މެލޭޝިއާއިން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ ވޭޕާއި ވޭޕުކުރަން ބޭނުންކުރާ ސާމާނު އަތުލައިގަނެފައެވެ. މި ތަކެތި އަތުލާފައިވަނީ އެ ގައުމުން ރާއްެއަށް އައި 3 ފަސިންޖަރެއްގެ ލަގެޖު ބަލާ ފާސްކޮށްގެންނެވެ.
އެ މުއައްސަސާއިން ބުނެފައިވާގޮތުން އަތުލާފައިވާ ތަކެތީގެ ތެރޭގައި 1714 ނެނޯ ސްޓިކް ހިމެނެއެވެ. އަދި 200 ޓެރިއާ ސްޓިކާއި 96 ކެލިބާން ކާޓްރިޖުގެ އިތުރުން 50 ވީމޭޓް ކާޓްރިޖާއި ވޭޕު ފްލޭވާ ލިކުއިޑްގެ 2 ފުޅިވެސް އަތުލެވިފައިވާކަމަށް ބުނެފައިވެއެވެ.
ޖުމުލަކޮށް 2026 އައިޓެމް އަތުލާފައިވާއިރު މިތަކެތި ހުރީ ފޮރުވާފައިކަން ކަސްޓަމްސްގެ މައުލޫމާތުތަކުން ދޭހަވެއެވެ. އެ މުއައްސަސާއިންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންކަމަށްވެސް ބުނެފައިވެއެވެ

