ޕީއެންސީގެ ބައެއް މެންބަރުންނަށް މަޖިލީހުގައި ވާހަކަދެއްކުން މަނާކަމަށާއި، މިނިވަންކަމެއް ނެތްކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީން ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީއިން އެއްވުންތަކަށް ނިކުތީ އިތުރު ގޮތެއް ނެތީމަކަމަށެވެ. މި މުޒާހަރާތަކާއި ޕީއެންސީގެ މެންބަރުންވެސް ގުޅިވަޑައިގަންނަވާނެކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މަޖިލީހުގައި ސަރުކާރާއި ދެކޮޅަށް ބައެއް މެންބަރުން ވާހަކަދައްކާތީ މިހާރު އެ މެންބަރުންނަށް ވަނީ ވާހަކަދެއްކުން މަނާކޮށްފައިކަމަށެވެ. ޕީއެންސީގެ މެންބަރުންގެ ތެރެއިން ވާހަކަދެއްކުމުގެ ފުރުސަތު އޮންނަނީ ވަކި މެންބަރުންތަކަކަށްކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރުން އެދުނު ނަމަވެސް ޕީޖީ ލީޑަރު އިބްރާހީމް ފަލާހު އެކަމަށް ހުއްދަ ނުދޭކަމަށް މައުރޫފް ވިދާޅުވިއެވެ،
އެހެންނަމަވެސް، ހަމަ ލީޑަރު ފަލާހު މި ބުނަނީ ނެތޭ ދެވޭކަށް، މަތީން އަންގާފައޭ ބައެއް މީހުންނަށޭ ފުރުސަތު ދެވޭނީ. ކޮބައިތޯ މިވާގޮތަކީ؟
މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މި ސަރުކާރާއިމެދު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ޕީއެންސީގެ މެންބަރުންގެ މެދުގައިވެސް އެބައޮތްކަމަށެވެ. ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ތާ އަބަދު މަޖިލީސް ކޮންޓްރޯލް ކޮށްގެން ނުގެންގުޅެވޭނެކަމަށްވެސް ވިދާޅުވިއެވެ. ދިވެހި ފުލުހުން ފަހަތަށް ޖެހޭ ވަރަށް މަގުތަކަށް މީހުން ނިކުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންވެސް މައުރޫފް ވަނީ މި ވާހަކަތައް ދައްކަވާފައެވެ. އެގޮތުން މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވެސް އިންނަނީ ބަދެވިފައިކަމަށާއި، ގޮނޑި ގެއްލިދާނެކަމުގެ ބިރު އަބްދުއްރަހީމްއަށްވެސް އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތް ނަމަވެސް، ކަން ހިނގަނީ އެހެން ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފެންނަނީ ގައުމުގެ ވެރި މީހާ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ނަންގަވައި އެއްބާރުގެ މައްޗަށް ވެރިވެގެންފައިވާ މަންޒަރު ކަމަށެވެ. ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

