އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ. މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ހޮވައިގެން ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރޭގައި، މާރިޗު 14 ވަނަ ދުވަހު ހިތަށްފިނިވާ މަގުން ހޮވައިގެން ގެނެސްފައިވާ 600 ރުފިޔާ ހިމެނެއެވެ. މީގެއިތުރުން، މާރިޗު 15 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބީއެމްއެލް އިސްލާމިކް އިން ހޮވައިގެން ގެނެސްފައިވާ 200 ރުފިޔާވެސް ހިމެނެއެވެ.
އަދި މާރިޗު 16 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބީއެމްއެލް މެއިން ބްރާންޗުން ހޮވައިގެން ގެނެސްފައިވާ 140 ސްރީލަންކަން ރުޕީސްއާއި، ހަމަ އެދުވަހު މަޖީދީމަގާއި ޖަނަވަރީ މަގު ގުޅޭ ހިސާބުން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ އެޕަލް ވޮޗް ސީރީސް 3 އެއްވެސް ހިމެނެއެވެ.
މި ތަކެތީގެ ވެރިފަރާތްތަކުން 9400053 ނަންބަރަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރާއެކު މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ. އަދި އަމިއްލަ ފަރާތްކަން އަންގައިދޭ ރަސްމީ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް ވަނީ އަންގާފައެވެ.

