މި އަހަރުގެ ފިޠުރު ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލައިލުމަށް ތައްޔާރުވުމުގެ މަސައްކަތް ސަރުކާރުގެ ބައެއް ކުންފުނިތަކާއި، ކައުންސިލްތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ފަހު މިނިސްޓަރ އާދަމް ޝަރީފު ޢުމަރު، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ޢީދު ލައިޓްތައް ދިއްލިގެންދާނެ ކަމަށާ، އަދި ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މި ޢީދުގައި ވަރަށް ޚާއްޞަ ޙަރަކާތެއް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އީދަށް ރަށްތައް އަދި ސިޓީތައް ދިއްލުމުގެ ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރ ކަމުގައި ހުންނެވި އިރު ފެއްޓެވި ޙަރަކާތެއްކަމަށެވެ. މުޅި ރާއްޖެ ދިއްލުމުގެ ޙަރަކާތް ފެށުނީ އެ މަނިކުފާނުގެ ވެރިކަމުގެ ޒަޢާމަތުގައި މި ދިޔަ އަހަރު ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މި ދިއްލުން ވެގެން ދިޔައީ ކުޑަކުދިންނާއި، ޒުވާނުންގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ޙަރަކާތަކަށް ވާތީ، މި ދިޔަ އަހަރު ދިއްލި ރަށްތަކާއި، ސިޓީތަކުގެ އިތުރުން މި އަހަރު އިތުރު 36 ރަށަކަށް ޢީދުލައިޓްތައް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މާލޭސިޓީގައި ޢީދުލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް ފޯރީގައި މިހާރުން ފެށިގެން ކުރިއަށްދާ ކަމަށާ، މި މަސައްކަތުގައި ސްޓެލްކޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އެޗްޑީސީއާއި އަދި މާލޭސިޓީ ކައުންސިލުން ބައިވެރިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޢީދަށް މުޅި ރާއްޖެ ދިއްލުމުގެ ޙަރަކާތް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ޙަރަކަތްތެރިވެ ވަޑައިގަންނަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ހާމަކުރެއްވި ގޮތުގައި މި އަހަރު އަލަށް ދިއްލާ 36 ރަށާއެކު ޖުމްލަ 65 ރަށެއް މި އަހަރު ފިތުރު އީދުގައި ދިއްލައިލެވިގެންދާނެއެވެ. އަލަށް ދިއްލޭ 36 ރަށަށް ފޮނުވާ ލައިޓްތަކާއި، ސްޕީކަރުތައް މި މަހުގެ 24 ވަނަ ދުވަހު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިހަރަކާތް ކުރިއަށް ގެންދާ ކޮމިޓީން ވަނީ މަޢުލޫމާތު ދީފައެވެ.
މި އަހަރު ”ޢީދު އަލި“ ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓްގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވައި ގޮތަށް ވަނީ ހަމަޖެހިފައެވެ.

