ސަރުކާރުގެ މަސައްކަތްތަކަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން ދޭ އެއްބާރުލުމުގެ މާނައަކީ ރަބަރ ސްޓޭމްޕް ޖަހައިދިނުންކަމަށް އިދިކޮޅު އެމްޑީޕީއަށް ބުނެވޭނެ ހާލަތެއް ނެތްކަމަށް ހއ. ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕު ކުރުމާއި އެ ނޫންވެސް ކަންކަން ހުށަހެޅުމުން ދިރާސާ ކުރުމެއް ނެތި ބިލުތައް ފާސްކުރާކަމަށް ބުނެ އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުންނެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ، ރައްޔިތުން އަނދިރީގައި ބައިތިއްބައި ސަރުކާރުން ފައިސާ ޗާޕުކޮށް އޮޅުވާނުލާނެކަމަށެވެ. ރައީސް މުއިއްޒު ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވާނީ ރައްޔިތުންގެ ހައްގުގައި، ޒިންމާދާރުކަމާއި އެކު ރަނގަޅަށް ވިސްނައި ކަންކަން ބެލުމަށްފަހުގައިކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ އޭގެއިން ކޮންމެ ފިޔަވަޅެއް ވެގެން ދާނީ ގައުމަށް ލާބަހުރި، ކުރިއެރުންތައް ގެނެސްދޭނެ ނިންމުމަކަށެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވުމާއި، މަރުކަޒީ ބޭންކުން އޭރު އަޅަން ޖެހޭ އެތައް ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ކުރީގެ ގަވަނަރ އަލީ ހާޝިމްކަމަށެވެ. އަދި ގާނޫނުން މަތިކޮށްފައި ހުރި ޒިންމާއަށް ފަރުވާކުޑަވެ، ހާޝިމް މަސައްކަތެއް ނުކޮށް ހުންނެވިއިރު ހިތްވަރު ދެއްވަމުން ގެންދެވި އޭރުގެ ތަނުގެ ވެރިންނަކީ ވެސް ވަކި ކުރަން ޖެހޭ ބައެއްކަމަށް ޝަރީފް ވިދާޅުވި ވެއެވެ.
ކުރީ ސަރުކާރުގެ އެމްއެމްއޭގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން، މަގާމުގެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަމަށް ޝަރީފް ވިދާޅުވިއިރު ޑެޕިއުޓީ ގަވަނަރުގެ މަގާމުގައި ހުންނެވި އަހުމަދު އިމާދު ވަކި ކުރުމުގެ މަސައްކަތް ފެށުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އިސްތިއުފާގެ ސިޓީގައި ވަނީ ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅޭކަމުގެ އިޝާރާތެއްކޮށް އެފަދަ ހާލަތެއްގައި އިގްތިސާދީ ގޮތުން ގައުމަށް ލިބޭނެ ގެއްލުންތައް ފާހަގަކުރައްވާފަ އެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ މިހާރުގެ ގަވަނަރ އަހުމަދު މުނައްވަރު ވެސް ރަނގަޅަށް މަސައްކަތް ނުކުރައްވާކަމަށް ވާނަމަ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން އެކަން ބަލާނެކަމަށެވެ.
އެމްޑީޕީން އެ ދައްކާ ވާހަކަ ތަފާތު ވާނެ.. މިއަދުގެ ރައްޔިތުންގެ މަޖިލީހަކުން އެކަމެއް ދުލެއް ނުކުރާނެ.. މި ސަރުކާރުގެ ތެރޭގައި ވެސް އެކަހަލަ ކަމެއް ވެއްޖެއްޔާމު އެކަން ބަލާނެ.. ސަރުކާރު ޖަވާބުދާރީ ކުރުވާނެ.. އަޅުގަނޑުމެން ތިބީ ފިތިފައޭ.. އަޅުގަނޑުމެން ތިބީ ރައީސުލްޖުމްހޫރިއްޔާ ބުނި ގޮތަކަށް ރަބަރ ސްޓޭމްޕް ޖަހާ ގޮތަށޭ.. ނޫން..
ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ނުފޫޒު އެބައޮތްކަމަށް ބުނެ، ނުވަތަ ރަބަރ ސްޓޭމްޕް ޖަހައިދޭ އުސޫލުން މަސައްކަތް ކުރާކަމަށް ބުނި ނަމަވެސް އެފަދަ ހާލަތެއް ނެތްކަމަށެވެ. ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން ސަރުކާރު ބޭނުންވާ ކަންކަމުގައި ދޭ އެއްބާރުލުމާއި އެކު ޖަވާބުދާރީ ވެސް ކުރުމުގެ މަސައްކަތް ކުރާކަމަށް ޝަރީފް ވިދާޅުވި އެވެ.

