މާލީ ހާލަތު ރަނގަޅު ނުވެ، ގޯސްވަމުން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރުން ބޭކާރު ބޮޑެތި ހަރަދުތައް ކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މާލީ ހާލަތު މިހާ ދަށަށް ދިއުމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި، ޝަމްހީދު ވިދާޅުވީ ނޫސްވެރިން ވެސް ރަނގަޅަށް އިގްތިސާދީ ކަންކަމުގައި ފެކްޓް ޗެކްއެއް ހަދަން ޖެހޭކަމަށެވެ. ޝަމްހީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރި ހޭދަތަކެއް އެމްޑީޕީގެ ސަރުކާރުގައި ހުރުމާއި ދެކޮޅު ހެދުމެއް ނެތްކަން ފާހަގަކޮށް ޝަމްހީދު ވިދާޅުވީ މިހާރުގެ ހާލަތު އޭރާއި އަޅާބަލައި ތަފާތު ކަމަށެވެ.
މިހާރު ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް ކުރާ ހޭދަ ކުރިޔަށް ވުރެ މާބޮޑުވެފައި، ސިޔާސީ ގޮތުން އައްޔަނު ކުރަމުންދާ މަގާމުތައް ވެސް އިތުރުކަމަށް ޝްމްހީދު ވިދާޅުވި އެވެ. ކުރީ ސަރުކާރުން ޖެނެރަލް ޕްރޮކިއުމަންޓަށް ކުރި ހަރަދު ވެސް މި ސަރުކާރަށް ވުރެ މާބޮޑުތަނުން ވެސް ކުޑަވާނެކަމަށް ޝަމްހީދު ވިދާޅުވި އެވެ.
މިހާރު ހަރަދައް ހުރީ އިހުނަށް ވުރެ، ކުރިޔަށް ވުރެ ޑަބަލްވެފައި.. އެއީ ހަގީގަތަކީ..
ޝަމްހީދު ވިދާޅުވީ ވެރިކަމުގައި އޮވެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ހަގީގަތާއި ހިލާފު ވާހަކަތައް ދެއްކިދާނެކަމަށެވެ. އެހެން ނަމަވެސް އަސްލު މަންޒަރު ނަމްބަރުތަކުން ފެންނަން އޮތް އިރު އެކަން އޮޅުވާނުލެވޭނެކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ފެނަކައިގެ މައްސަލަ ފާހަގަކުރައްވައި، ޝަމްހީދު ވަނީ މި ސަރުކާރުން އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް އެޅި ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. އެގޮތުން ޝަމްހީދު ވިދާޅުވީ ކުންފުނިން މިހާރު ވެސް މެޝިނަރީސްތައް ގަންނަމުން ދަނީ ބޮޑު އަގުގައިމަމަށާއި ސިޔާސީ މުވައްޒަފުން ނަގާފައި ހުރުމުގެ ސަބަބުން ހޭދަތައް ވެސް އިތުރުވަމުންދާ މަންޒަރު ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން މިވީ އަހަރެއްގެ ތެރޭގައި، ދަރަނީގެ ވާހަކަ ދައްކަވައި އެ އަނބުރާ ދެއްކުމަށް ސަރުކާރުން އުފުލަން ޖެހުނު ބުރަކަމަށް ތަކުރާރުކޮށް ވާހަކަ ދައްކަވަނީ ނާގާބިލުކަން ފޮރުވުމަށްކަމަށް ޝަމްހީދު ވިދާޅުވި އެވެ. ޝަމްހީދު ވިދާޅުވީ އަހަރަކަށް ވުރެ ގިނަ ދުވަސް ދަރަނިތައް ދެއްކުމަށް ހޭދަކުރުމުން، އެހެން ދަތިތައް ދިމާވިކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށެވެ.
އެގޮތުން ޝަމްހީދު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރާއި، އެމްޑީޕީގެ ފަހު އަހަރު ދަރަނި ދެއްކުމަށް ހޭދަ ކުރ ދާދި އެއް އަދަދެއް ކަމަށެވެ. ޝަމްހީދު ވިދާޅުވީ އެ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެނަން ހުންނާނެ ކަމަށެވެ.
މި ސަރުކާރުން ބުނަނީ ތިމަންނަމެން ދަރަނިތައް ދައްކާށޭ އެންމެ ގިނަ ފައިސާ ހޭދަކުރީ.. އެކަމަކު ތިބޭފުޅުން ފިނޭންސް މިނިސްޓްރީ އާންމު ކުރާ ސްޓެޓިސްޓިކްސް ބަލާލީމަ އެނގޭނެ 2023 ގައި ހަރަދު ކުރިވަރަށް ގާތްގަނޑަކަށް 2024 ވަނަ އަހަރު ވެސް ދަރަނިތައް ދައްކަން ހޭދަކޮށްފައި ވަނީ.. އިތުރު ފައިސާއެއް ދައްކައިގެނެއް އަދިއެއް ނޫޅޭ.. މި އަހަރު ވެސް އެބޭފުޅުންގެ ވިސްނުމުގައި ނެތް ދަރަނިތައް ދައްކާކަށް..
ދަރަންޏާއި ގުޅުވައި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ތުހުމަތު ކުރައްވައި، ޝަމްހީދު ވިދާޅުވީ މި އަހަރު އަދާކުރަން ޖެހޭ ދަރަނިތައް ދެއްކުމަށް ވެސް ރައީސް މުއިއްޒު އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށެވެ. ޝަމްހީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުން ހުރީ ދައްކަން ޖެހޭ ދަރަނި ފަސްކޮށް ދިނުމަށް އެދި ހުށަހެޅުމަށެވެ.

