މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް އަދި ބޭންކިންގ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
ސަރުކާރުގެ އިސް އޮފިޝަލެއް ”ސަން“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު 7 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފެށިގެންދާނެއެވެ. އަދި އެއް އަހަރުގެ މުއްދަތުގައި ޖުމްލަ 122 އޭޓީއެމް މުޅި ރާއްޖެތެރޭގައި ގާއިމުކުރެވޭނެ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ އޭޓީއެމްތަކަކީ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އައުޓްލެޓްތަކެވެ. މިއީ ފާއިތުވި 25 އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެހެނީ މީގެ 25 އަހަރު ކުރިން މުޅި ރާއްޖޭގައި ހުރީ އެންމެ 96 އޭޓީއެމްއެވެ.
ރައީސް ޑރ. މުހައްމަދު މުއިޒްގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒުތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. މި މަސައްކަތަކީ ލަސްތަކެއްނެތި ކުރިއަށްދާ މަސައްކަތެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މި މަޝްރޫއު ފުރިހަމަވުމުން، ކުރިން ބޭންކިންގ ޚިދުމަތް ނުލިބޭ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބެލެވެއެވެ. އަދި މި އަމާޒާ ހަމައަށް މި އަހަރު ނިމުމުގެ ކުރިން ވާސިލުވެވޭނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

