ރާއްޖޭގެ ތަރައްގީއަށް ބަންގްލަދޭޝްގެ ފަރާތުން ލިބިފައިވާ އެހީތެރިކަމަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށް ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ފޮރިން އެފެއަރޒް އެޑްވައިޒަރު އެމްޑީ ތައުހީދު ހުސައިންއަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި މިނިސްޓަރ ޑރ ހަލީލް ވިދާޅުވީ، 54 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖެއާއި ބަންގްލަދޭޝްއިންވަނީ ވަރުގަދަ ގާތް ގުޅުންތަކެއް ދެގައުމުގެ ދެމެދު ދަމަހައްޓާފައިކަމަށެވެ. އަދި އެ ގުޅުން ބިނާވެފައިވަނީ އިހުތިރާމްގެ އިތުރުން ދެގައުމުންވެސް ބަލައިގަންނަ އަސާސްތަކެއްގެ މައްޗަށްކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ބަންގްލަދޭޝްއިން ދީފައިވާ އެހީތެރިކަމަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަގީންވެވަޑައިގަންނަވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މިހާރު ކުރަމުންދާ މަސައްކަތްތައްވެސް އިތުރަށް ވަރުގަދަވެގެންދާނެއިރު އައު ދޮރުތައް ހުޅިވިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

