ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނަ އީދު ދިއްލުމުގެ ރަސްމިއްޔާތަށް ހުރިހާ އެންމެނަށްވެސް ދައުވަތު އަރުއްވާކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރަމަޟާން މަސް ނިމި އީދު ދުވަހާއި ގާތްވަމުުންދާއިރު ސަރުކާރުންދަނީ އެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ތައްޔާރުވަމުންނެވެ. މިގޮތުން މާލެ ސަރަހައްދުގައިވެސް ރަމިއްޔާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މިނިސްޓަރ އާދަމް ޝަރީފްވަނީ މާޗު 29 ވަނަ ދުވަހުގެ ރޭގަނޑު 21:30 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އޮންނަ މި ރަސްމިއްޔާތަށް އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުއްވާފައެވެ. އެކްސްގައި ހިއްސާކޮށްފައިވާ މި ދައުވަތުގައި ސްމާޓް ކެޝުއަލް ހެދުމެއްގައި ވަޑައިގަތުމަށް އެދިފައިވެއެވެ.
މި އަހަރުގެ އީދަށް ދިއްލާލުމުގެ މަސައްކަތްތަކަށް މާލެ ސީޓީ ކައުންސިލުންވެސްވަނީ އެއްބާރުލުން ދީފައެވެ. މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު މުހައްމަދުު އަރީޝް އާންމުކުރެއްވިގޮތުން އެ ކައުންސިލުންދަނީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްޓަކައި މާލޭގެ އެކި ސަރަހައްދުތަކުގައި ގިޑިގެ ޖެހުމުގެ މަސައްކަތްތައް ކުރަމުންނެވެ.

