ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ ޑިޕާޗާރު ހޯލުން ހުއްދަނެތި ސިގަރޭޓު ކާޓަން ފޮށިތަކެއް ނެރެން އުޅުނު މައްސަލައިގައި އިތުރު އޮފިސަރު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މުހައްމަދު އައިހަމް ގަސްކަރަ/ ނ. ވެލިދޫ އެވެ.
އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނުގެ 06:20 ހާއިރު ވީއައިއޭގެ ޑިޕާޗާ ހޯލުން، ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިގަރެޓް އެތެރެކުރަން ބަޔަކު މަސައްކަތް ކުރިކަމުގެ މައުލޫމާތު ފުލުހަށް ހުށަހެޅީ ކަސްޓަމްސް ކަމަށެވެ.
މުހައްމަދު އައިހަމް ހައްޔަރުކުރިއިރު މި މައްސަލައިގައި އިތުރު ދެ ފުލުހުން ތިބީ ހައްޔަރުގައެވެ. އެއީ:
- މ. ސިލްވާ ނެސްޓް/ މާލެ، އަހްމަދު އަފްސަލް (45 އ.)
- ދަފްތަރު ނަމްބަރު 14358/ މާލެ، ޔޫސުފް ނަޒީރު (38 އ.) އެވެ.
އޭގެ ތެރެއިން ޔޫސުފް ނަޒީރަކީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ސާޖަންޓެކެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލާފައިވާކަމަށެވެ.
މީގެ އިތުރުން، ސާޖަންޓު ޔޫސުފް ނަޒީރު ވަނީ 26 މާރޗު 2025ން ފެށިގެން މުސާރަ ނުލިބޭގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

