ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ؛ ސިޔާސީ ބާރާއި، ނުފޫޒުން އެއްކިބާ ކުރަން ޖެހިފައި!

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބޯޑެއް / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނޫއަސާސީއަށް 16 އަހަރުވެގެން އައިއިރު ކޮޅެއްގައި ނުޖެހި އޮތް އެންމެ ބޮޑު މައްސަލައަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުމެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ކޮމިޝަންގައި ތިއްބެވުމަކީ އެއީ ނުފޫޒު ފޯރުވުމަށް ހުޅުވިފައި އޮތް ދޮރެއްކަމަށް އެންމެން ގަބޫލު ކުރިނަމަވެސް، އެ ދޮރު ބަންދު ކުރުމަށް އަމަލީ ސިފައެއް މިހާތަނަށް ނުފެނެއެވެ. އަދި ފެނިދާނެކަމާއި މެދު ވެސް ޝައްކެވެ. ސަބަބަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ނުވަތަ ކޮމްޕޮޒިޝަނަށް ގެންނަން ޖެހޭ ބަދަލު ކޮންމެ ބަޔަކަށް ވެސް އިހުސާސް ކުރެވެނީ އިދިކޮޅުގައި ތިބޭއިރު އެވެ. އެހެން ހާލަތްތަކުގައި ޖޭއެސްސީއާއި ޖުޑިޝަރީ ވެސް އޮންނަނީ މުށުތެރެއަށް ލައި ބާރު ކުރެވިފައެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި އެމްޑީޕީގެ އެޖެންޑާ19 ގައި ހިމަނާފައި އޮތް ނަމަވެސް އެކަމަށް މަސައްކަތް ފެށީ ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށެވެ. ބޭނުންވާ އިލްމީ ލަފައާއި، ފަންނީ ބޭފުޅުންގެ އެހީތަކަށް ބަލައި އެ މުއްދަތަކީ އިސްލާހު ގެނަން މާ ކުރު މުއްދަތެއްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ.

ޖޭއެސްސީ މިހާރު އޮތް ގޮތުން، ކޮމިޝަނުގައި އޮތީ ސިޔާސީ މެމްބަރުންގެ އަޣުލަބިއްޔެވެ. އެގޮތުން ކޮމިޝަނުގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން، ހަތަރު މެމްބަރުން ފިޔަވައި ބާކީ ތިއްބެވި ހަ މެމްބަރުން އައްޔަނު ކުރަނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ތެރެއިންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން، ބަންޑާރަ ނައިބާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސެވެ. އަދި އާންމުންގެ ތެރެއިން ކުރިމަތިލާ މެމްބަރު ވެސް ހޮވަނީ މަޖިލިހުގެ ތަޅުމަށް ހުށަހަޅައިގެންނެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޖެހޭކަމަށް އެންމެން އިއްތިފާގުވީ ނަމަވެސް އެކަން ކުރަންވީ ގޮތް ގިނަ ބަޔަކަށް ބުނެދޭން ނޭނގެ އެވެ. އެއީ ސިޔާސީ މެމްބަރުންތައް އުނިކޮށް، އެ ކޮމިޝަނުގައި ހަމައެކަނި ފަނޑިޔާރުން ތިއްބަވާ ގޮތަށް ބަދަލު ގެނައުން ވެސް އެންމެ ރަނގަޅެއް ނޫންކަމަށް ވާތީ އެވެ. ފަނޑިޔާރުންނަށް ފާރަވެރިވާ، ސުލޫކީ މައްސަލަތައް ބަލަން އޮތް ކޮމިޝަނެއްގައި ހަމައެކަނި ފަނޑިޔާރުން ތިބެގެން ޝަރުއީ ނިޒާމުގެ މިނިވަންކަން ކަށަވަރެއް ނުކުރެވޭނެ އެވެ.

މިއަދު އަނެއްކާވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތުގެ ބަހުސެއް ފަށަން ޖެހުނީ، އެ ކޮމިޝަނުގެ ތަހުގީގާއި ބަލަމުންދާ މައްސަލަތަކާއި ގުޅޭ ގޮތުން ފެންމަތިވާ ކަންތަކާއި ހުރެއެވެ. ޖޭއެސްސީއަކީ މައްސަލަތައް ޕާކުކޮށް، ނުބަލައި މައްސަލައެއް ”ޕާރުސަލް“ ކޮށްގެން ތިބޭ ބަޔަކަށް ވެގެން ނުވާނެއެވެ. ފަނޑިޔަރުންނަށް ބަތް ޕާރުސަލަކާއި ގުޅުވައި، ނުވަތަ މަސައްކަތުގެ މާހައުލުގައި އެކުގައި އުޅުނު އެކުވެރިންތަކެއް ތިބި ވައިބަރ ގުރޫޕަކަށް ފޮނުވާ ފޮޓޯއަކުން ފަނޑިޔާރުކަން ގެއްލޭ ހިސާބަށް ކަންކަން ވަނީ ގޮސްފަ އެވެ. އެއީ ސިޔާސީ ބަޔަކު ވެސް ތިބި ޖޭއެސްސީގެ ނިންމުންތައް އަންނަ ގޮތުގެ ސަބަބުންނެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން މިއަދާއި ހަމައަށް އައިއިރު އެންމެ މަތީ ކޯޓުގެ ބެންޗަށް ބަދަލު ނުގެންނަ އެއްވެސް ސަރުކާރެއް ނެތެވެ. އެއް ސަރުކާރުގައި ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ ފަސް ފަނޑިޔާރުން ނަމަ، ހަތެކަށް ބަދަލުވެ އެވެ. އަނެއް ވެރިކަން އުފެދި ދެ ފަނޑިޔާރަކު މަގާމަށް ގާބިލު ނޫންކަމަށް ނިންމައި ވަކި ކުރުމަށް ފަހު ބެންޗު ކުޑަކޮށްލަ އެވެ. އެއަށް ފަހު ފަހަރަކު ފަނޑިޔާރެއް ބަދަލު ކުރަނީ އެވެ.

ދެން އަންނަ ވެރިކަމެއްގައި ސުޕްރީމް ކޯޓުގެ ”ގޯސް ނިންމުންތަކުގެ“ ބޮޑު ރިޕޯޓެއް އެކުލަވާލުމަށް ފަހު އުއްތަމަ ފަނޑިޔާރު ވެސް ހިމެނޭ ގޮތަށް މައްސަލަ ފައިލްތަކެއް ނަގައި ބެންޗު އެއްކޮށް ބަދަލުކޮށް އެއީ ޖުޑިޝަރީގެ އިސްލާހު ގެނެވުނީކަމަށް ބުންޏެވެ.

ދާދިފަހުން 2022 ވަނަ އަހަރުގެ ސުލޫކީ މައްސަލައެއް ނަގައި، ސަސްޕެންޑު ކުރުމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދަކީ ފަނޑިޔާރުކަމަށް ވަޑައިގަތުމުގެ ކުރިޔަށް ޖުޑިޝަރީ ހިނގަމުން ދިޔަ ގޮތާއި މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. ފައިލުތަކެއް ކިހިލީގައި ޖައްސަވައިގެން އެހެން އިތުރު ވަކީލުންތަކަކާއި އެކު ކޯޓަށް ވަޑައިގެންނެވި ޒަމާނެއް ވެސް ދިޔައެވެ. ގާނޫނީ ގޮތުން ފުންނާބު އުސް ބޭފުޅަކަސް، ސިޔާސީ ޕޯޑިއަމްތަކުން ފެންނަމުން ދިޔައެވެ. އެހެންވެ 2018 ގައި އުފެދުނު އެމްޑީޕީގެ ދެވަނަ ވެރިކަމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވީތީ ގެއްލުވާލާފައިވާ މީހުންނާއި މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސަކަށް އައްޔަނު ކުރި އެވެ.

ކޮމިޝަނުގެ މަސައްކަތް ފުރިހަމަ ނުވަނީސް ސުއޫދު ދެން ވަޑައިގަތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށެވެ. ”ސިޔާސީ“ ސުއޫދު ހަމަ އެ ދުވަހު ސޯޝަލް މީޑިއާގެ އެކައުންޓުތައް ބޭނުން ކުރެއްވުން ހުއްޓާލެއްވި އެވެ. އެ އެކައުންޓުތައް މިއަދުވެސް ފެންނާން ހުރި ނަމަ، އެކި ވެރިންތަކަށާއި ސުޕްރީމް ކޯޓާއި ދަށު ކޯޓަށް ކިޔުއްވާފައި ހުރި ފާޑުކިއުންތައް ފެންނާނެ އެވެ.

ސުއޫދު ވިދާޅުވި ވާހަކައަކަސް، އެއީ މި ރާއްޖޭގައި ކަން ހިނގަމުން އައި ގޮތެވެ. މި ރާއްޖޭގައި ބައެއް ފަނޑިޔާރުން ”ގަން ހިނގުވާ އުސޫލުން“ ވަކިކޮށްފައި އެބަހުއްޓެވެ. ފުލުފުލުގައި މައްސަލަތައް ބަލަމުން ދާ ވަގުތު އެއީ އެއްވެސް އަގެއް ނެތް ބައެއްކަމަށް ހަދައި ޖޭއެސްސީ ހިމެނޭހެން އެބޭފުޅުންނަށް ”ފުރައްސާރަ“ ކުރަމުން ގެންދާ ގެންދިއުން ހުއްޓުވޭނެ ގޮތެއް ނެތެވެ.

ޖޭއެސްސީ ފަނޑިޔާރުންނަށް ފުރައްސާރަ ކުރިކަމަށް ބުނުމުން، އެ ބަލައިގަތުމަށް ބަޔަކަށް އުނދަގޫކަމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ފަރިކޮޅަކާއި ގުޅުވައި ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ނަގައިގެން ޖޭއެސްސީ އުޅުނު ދުވަސްތަކުގެ މަތީން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. އެއީ މިހާރު ވެސް 2022 އަހަރު، އެހެން ފަނޑިޔާރަކާއި ގުޅުން ހުރިކަމެއްގައި ނުވަތަ އަމަލެއް ހިންގެވި މަޖިލީހެއްގައި ހާޒިރުވެ ހުރިކަމަށް ބުނެ ސަސްޕެންޝަނުގައި ހުންނެވި މަހާޒް އަލީ ޒާހިރެވެ. އޭރު މަހާޒާއި ގުޅުވައި ބަލަމުން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އޮތް ދުވަހު އެމަނިކުފާނާއި ގުޅުން އޮތް ބޭފުޅަކު ފޮނުވިކަމަށް ބުނާ ފަރިކޮޅަކާއި ހަވާލުވުމެވެ.

އެ މައްސަލަ އޭރު ފެންމަތި ކުރީ، އަހަރެއް ފަހުންނެވެ. ރައީސް ޔާމީންގެ ޝަރީއަތް ދަށު ކޯޓުގައި ކުރިޔަށް ދަނިކޮށް އެހެން ފަނޑިޔާރުންނަށް ދައްކާލާ މަންޒަރެއްގެ ގޮތުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރީ ދެ ފަނޑިޔާރަކު މަގާމަށް ގާބިލު ނޫންކަމަށް ނިންމައިގެންނެވެ. އެއާއި އެކު އެ ފަނޑިޔާރުން ހިމެނޭ ގޮތަށް، ނުވަތަ އެބޭފުޅުންގެ ރައުޔުތަކަށް އަޣުލަބިއްޔަތު ލިބިގެން ނިންމާފައިވާ މައްސަލަތަކާއި މެދު ވެސް ސުވާލު އުފެއްދޭނެ ޖާގަ އެބައޮތެވެ. އެ ދުވަހު ރައީސް ޔާމީން އެ ފިޔަވަޅު ނެންގެވުން ޕީޕިއެމްގެ މެމްބަރުން އެގޮތަށް ވޯޓު ދިނީ މާބޮޑު ބަހުސަކާއި ނުލަ އެވެ. ސަރުކާރުން ހުށަހެޅި ގޮތަށް، ތަޅުމުން ތަށްގަނޑު ޖަހައިދިނީ އެވެ.

ދިވެހިރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ނަމަވެސް، އަދުލު އިންސާފަށް ނުފޫޒު ފޯރުވުމުގެ ސަގާފަތަށް އަދިވެސް ބަދަލެއް ނެތެވެ. ގާނޫނުއަސާސީ ތަސައްވުރު ކުރަނީ ފަނޑިޔާރުންނަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމުގެ ފުރިހަމަ މިނިވަންކަމެވެ. އެ މިނިވަންކަން ލިބޭނީ ޖޭއެސްސީ އެކުލެވޭ ގޮތަށް އިސްލާހު ގެނެސްގެން ފަނޑިޔާރުންގެ މައްސަލަ ބޭނުންވެދާނެ ހާލަތަކަށް ޕާރުސަލްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: