މިހާތަނަށް ބެލިބެލުމުން ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ޙާލުރަނގަޅުކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މިއެ މިނިސްޓްރީ އިން އެ ދެ ޤައުމުގެ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މިނިސްޓްރީ އިން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފައެވެ.
މިހާތަނަށް ބެލިބެލުމުން އެ ޤައުމުގައި ދިރިއުޅޭ ދިވެހިންގެ ޙާލުރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވަނީ ބުނެފައެވެ. މި ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާއިން ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައި ކަމަށްް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރނިް ބުނެފައިވަނީ އެ ދެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅިގެން އަންގާ އެންގުންތަކަށްސަމާލުވެ އެއާ އެއްގޮތަށް ޢަމަލު ކުރުމަށް، އެ ދެ ޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް މިނިސްޓްރީން އިލްތިމާސްކުރާ ކަމަށެވެ. މި ކާރިސާއާއި ގުޅިގެން ތައިލެންޑްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެހީތެރިކަމެއްބޭނުން ވާނަމަ ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

