އާހިރަތުގެ ހަގީގަތަކީ އެއީ އަންނާނެ ހަގީގަތެއް ކަމަށާއި އިންސާނާ އެކަމަށް ކިތައްމެ އިންކާރު ކުރިއަސް އެ ހަގީގަތާއި އިންސާނާ ކުރިމަތި ލާން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެވެ.
ކޮންގްރެސް ޕާޓީގެ އިހްޔާ ފޯރަމްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ އާހިރަތް ދުވަހަށް އީމާން ވުމުގެ ސިފައަކީ އެމީހެއްގެ ހިތުގައި އީމާންކަން ބިންވަޅުނެގިފައިވާ މުއުމިނަކަށް ނޫނީ އެ ވިސްނުން ކަށަވަރު ނުކުރެވޭ ވަރުގެ ބޮޑުކަމެއް ކަމަށެވެ. މާތްﷲ ކޮންމެ އުއްމަތަކަށް ރަސޫލު ބޭކަލަކު ފޮނުއްވާ ހުރިހާ ރަސޫލު ބޭކަލުންގެ ރިސާލަތުން އެ ދައުވަތު ބިނާވެގެން ވަނީ މައިގަނޑު ދެކަމެއްގެ މައްޗަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ފުރަތަމަ ކަމަކީ ﷲގެ އެއްކައުވަންތަ ކަމަށް ގޮވާލުން ކަމަށާއި އަދި ދެވަނަ ކަމަކީ އާހިރަތް ދުވަސް އަންނާނެ ކަން އެމީހުންނަށް ހަނދާން ކޮށްދިނުން ކަމަށް ޝަހީމް ވިދާޅުިއެވެ. މިނިސްޓަރ ވިދާޅުވީ އާހިރަތް ދުވަހަށް އީމާން ވުމުގެ މި ރުކުނަކީ ތެދުވެރި ޝަހްސިއްޔަތެއްގެ ކިބައިގައި ވަޒަން ހަމަ ފިކުރެއް ބިނާކޮށްދޭ ކަމެއް ކަމަށެވެ.
”ވަޒަން ހަމަ ފިކުރެވޭ މިދަންނަވަނީ މިސާލަކަށް ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރާ ހިނދު އޭނާގެ ހިތަށް ގެނެވޭނެ ގިޔާމަތް ދުވަހު މިކަން ކަމާއިމެދު ސުވާލު ކުރެވޭނެއޭ. ފާހިޝް އަމަލަކަށް އޭނާ އަރައިގަންނަ ހިނދު އޭނާއަށް ލަދުގަންނެވޭނެ ގިޔާމަތް ދުވަހު މިކަން ކަމާއި މެދު ތިމަންނާއަށް ސުވާލު ކުރެވޭނެއޭ. ހަރާމް އެއްޗެއް އޭނަ ކާއިރު އޭނާގެ ހިތަށް، އޭނާގެ ޟަމީރް އޭނާއަށް ބުނެދޭ ގިޔާމަތް ދުވަހު މާތްﷲ ތިމަންނާއަށް މިކަމާއި މެދުގައި ސުވާލު ކުރެވޭނެއޭ. އެހެންވެގެން ރަސޫލާ ހަދީޘް ކުރައްވަނީ އިންސާނާގެ ފައިތިލަ ހުރިތަނުން ގުޑާވެސް ނުލާނެއޭ، ގިޔާމަތް ދުވަހު 4 ކަމަކާއި އޭނާއަށް ސުވާލު ނުކުރެވެނީސް“
ގިޔާމަތް ދުވަހު ސުވާލު ކުރެވޭނެ 4 ކަމަކީ އޭނާގެ އުމުރާއި ބެހޭގޮތުންނާއި، އޭނާ މުދާ ހޯދި ގޮތާއި، އެ މުދާ ހޭދަ ކުރި ގޮތާއި އަދި އޭނާގެ ޒުވާންކަން ހޭދަކުރި ގޮތާއި ބެހޭ ގޮތުން ކަމަށް ޝަހީމް ވިދާޅުވިއެވެ. މުއުމިނުންގެ ސިފަ ބަޔާން ކުރައްވާ މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ މުއުމިނުންނަކީ އެއީ އާހިރަތް ދުވަހަށް އީމާންވާ މީހުންނެވެ.
”އެކަމަކު މި އިންސާނާ ހަގީގަތުގެ ކުރިމަތީގައި އިންސާނާގެ ކިބުރުވެރިކަން އިންސާނާ ދެއްކިކަން އަދި ރަސޫލުބޭކަލުންގެ ރިސާލާތުތައް ދޮގުކޮށް ގޮންޖެހި މި އިންސާނާއާއި ބެހޭގޮތުން މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ ތިމަންކަލޭގެ ފާނު މަނި ތިއްކަކުން އުފެއްދެވި އިންސާނާ އޭނާގެ ނަސްފު އުފެއްދިގެންވާ ހަގީގަތުގެ މައްޗަށް ނުވިސްނެނީ ހެއްޔެ. އެކަމަކު އޭނާ ވެފައިމިވަނީ ތިމަން ﷲއަށް ބޮޑުވެގެންދާ އަދާވާތްތެރިއަކަށެ. އަދި ތިމަންﷲއަށް އޭނާ މިސާލު ޖަހައެވެ. އޭނާގެ ނަސްފު ހަނދާން ނައްތާލައިފައި. މަރުވުމަށް ފަހުގައި ކަށިތައް ކުޑިއަށް ބަދަލުވުމަށްފަހުގައި އަލުން މީއްޗިއްސައް ކިހިނެއްހޭ އިންސާނާ މިސާލުޖެއްސެވީ“
ޝަހީމް ވިދާޅުވީ އާހިރަތުގެ ހަގީގަތަކީ އެއީ އަންނާނެ ހަގީގަތެއް ކަމަށެވެ. އެ ހަގީގަތަށް އިންސާނާ ކިތައްމެ އިންކާރު ކުރިނަމަވެސް އެ ހަގީގަތާއި އިންސާނާ ކުރިމަތި ލާން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

