ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތެއް ފޯރުކޮށްދީ ނިންމާލެވޭނެކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ދިރާސީ އައު އަހަރު ފެށޭއިރު އިރު ވެސް ބައެއް ރަށްތަކަށް ފޮތްތައް ނުލިބޭތީ އާންމުގޮތެއްގައި މައްސަލަ ގޯސްވެއެވެ.
ދައުލަތުގެ މީޑީއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތެއް ވެސް ފޯރުކޮށްދެވޭނެކަމަށެވެ. އަދި މިހާތަނަށް 80 އިންސައްތަ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތް ހަފްތާގައި ދޫނުކުރެވި ހުރި ފޮތްތައް އަތޮޅު ތެރެއަށް ފޮނުވާލެވޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ބަހަން ޖެހޭ ފޮތްތަކުގެ ތެރެއިން މިހާތަނަށް ދޫނުކުރެވި ހުރީ ހަމައެކަނި ގްރޭޑު 4 އަދި ފަހެއްގެ ފޮތްތަކެވެ. މިނިސްޓްރީގެ އަމާޒަކީ ދިރާސީ އަހަރު ފެށޭއިރު އެއްކޮށް މަސައްކަތް ނިންމާލުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މާލޭގެ ސްކޫލުތަކަށް ވެސް އަންނަ ހަފްތާގައި ފޮތްތައް ފޮނުވުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ދާކަން ފާހަގަކުރަން.. އަޅުގަނޑުމެން ގަސްތުކޮށްފައި ވަނީސ ސްކޫލު ފެއްޓުމުގެ ކުރިން ހުރިހާ ސްކޫލުތަކަށް ވެސް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ވެސް ފޮނުވައި ނިންމަން.. އެހެންވީމަ ފެށިގެން މިދާ ހަފްތާއާއި އެކީގައި ގްރޭޑު 4، 5 ގެ ފޮތްތަކާއި އެކުގައި ހުރިހާ ސްކޫލަށް ފޮތްތައް ހަމަކުރެވޭނެކަމުގެ ޔަގީންކަން އަރުވަން
މިނިސްޓަރ ޝަފީއު ވިދާޅުވީ މިވަގުތު ސްޓޮކް ރައްކާ ކުރަމުން ދަނީ ކުރީގެ އަރަބިއްޔާ ސްކީލުގައިކަމަށްވުމާއި އެކު މަސައްކަތް ކުރެވެން އޮތީ ކެޕޭސިޓީ ހުރި މިންވަރުން ކަމަށެވެ.
މީގެކުރީގައި އެ ސްކޫލަކަށް ބޭނުންވާ ހުރިހާ ފޮތްތައް އެއްކޮށް ފޮނުވިނަމަވެސް މިހާރު މަސައްކަތް ކުރަމުން ދަނީ މިނިސްޓަރ ވިދާޅުވި ގޮތުގައި ކޮންމެ ދަރިވަރެއްގެ ފޮތްތައް ވަކިން ޕެކްކޮށްގެންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ތާރީހެއްކަމަށް އެކެޑެމިކް ކަލަންޑަރުގައި ހިމަނާފައި ވަނީ އޭޕްރީލް ހަތް ވަނަ ދުވަހު އެވެ.

