ހއ. ކެލާ ފަޅުގައި ދެ ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި އެ ރަށުގެ ފަޅުތެރެއިން 325 ހެކްޓަރު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެ މަނިކުފާނު މިގޮތަށް ނިންމަވާފައި ވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުންނެވެ.
ކެލާގެ އިހުތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، އެ ރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
ރައްޔިތުން ބޭނުންވާ ގޮތަށް ކެލާ ފަޅު ތެރޭގައި ރިސޯޓެއް އަޅައި، އެ އަތޮޅު ބާރަށުގައި އީކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއުއެއް ހިންގުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އަދި މި އަހަރުގެ ކުރީކޮޅު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް މި މަޝްރޫއުތައް ކުރިޔަށް ދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވި އެވެ.
ރައީސް ވިދާޅުވެފައި ވަނީ ކެލާގެ ރައްޔިތުން ބޭނުންވާ ގޮތަށް ރިސޯޓު ތަރައްގީ ކުރުމުން، އެ ރަށާއި ކައިރީގެ އެހެން ރަށްތަކަށް ވެސް ފައިދާ ވާނެކަމަށެވެ. އަދި ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އިކޮނޮމިކް ކައުންސިލްގައި އެ މަސައްކަތުގެ މަޝްވަރާ ކުރައްވާނެކަމަށް ހާމަކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ރައީސް ވަނީ ކެލާއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަމަށް ވާތީ އެ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ވެސް މިއާއި އެކު ގާއިމު ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރުމުގައި ކެލާއަކީ މުހިންމު ރަށެކެވެ.
ކެލާގެ ފަތުރުވެރިކަމާއި އެކު ރަށުގެ ހުރި މިފަދަ އެތައް ސިނާއަތަކަށް އަވަސް ކުރިއެރުން ލިބި ރައްޔިތުންނަށް އޭގެ މަންފާ ވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

