މާމެންދޫގެ އިހްތިސާސްގައި އެ އަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
އެމަނިކުފާނު މިގޮތަށް ނިންމެވީ، ލާމަރުކަޒީ ގާނޫނުގެ ގެ 56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވާފައިވާ ގަރާރުންނެވެ.
މާމެންދޫގެ އިހްތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، އެ ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު ރައީސް މުއިއްޒު ގއ. ގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި މާމެންދޫގެ ކައުންސިލާއި ބައްދަލުކުރުމުން މެމްބަރުން ވަނީ ރަށަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ހުޅިމެންދޫ، މާމެންދޫގެ އިހުތިސާސްގެ ތެރޭގައި ހިމަނައިދިނުމަށް އެދިފައެވެ. ކައުންސިލުން އެދިފައި ވަނީ އެގޮތަށް ބަދަލު ގެންނަވައި، އެ ރަށުން އާމްދަނީ ލިބޭނެ ގޮތް މަގުފަހިކޮށްދެއްވުމަށެވެ.
ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމާއި ގުޅޭގޮތުން ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މި މަސައްކަތް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލީގޮތުން ބާރުވެރި ކުރުވުން ކަމަށެވެ.
ކޮންމެ ރަށެއްގެ ރައްޔިތުން ވެސް، އެ ބައެއްގެ ފަސްގަނޑަށް ކުރިއެރުމާއި ނަފާ ބޭނުންވާއިރު ފަޅު ރަށެއް އެ ރަށަކަށް ނިސްބަތްވާ ގޮތަށް އޮތުމުން ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި ފަޅުރަށްތައް ކައުންސިލްތަކާއި ހަވާލު ކުރުމުން އެކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުފާފާގަތިކަން ލިބި ރަށްރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީ އެރަކަށް ގެނައުމަށް މަގުފަހިވެގެން ދާނެ އެވެ.

