ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން މާލެ ސިޓީކައުންސިލުން އެހީވުމަށް ނިންމައިފިއެވެ.
މިއަދު ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އެ އިދާރާގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައިން ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، މި ހިދުމަތް ފޯރުކޮށްދޭނީ މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކަމަށް ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ލިސްޓް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލުން ރިވިއުކޮށް، ރިއިވެލުއޭޓު ކުރީ ވަރަށް ގިނަ ސަބަބުތަކާއި ގުޅިގެންނެވެ. އެގޮތުން، ކުރީ ސަރަކާރުން ނެރުނު ފްލެޓް ލިސްޓުގައި ބޮޑު އޮޅުވާލުމެއް އޮތް ކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުން ތުހުމަތުކުރުމާއި ގުޅިގެން އޭސީސީއިން ވަނީ މި މައްސަލަ ތަހުގީގުކޮށްފައެވެ.

