ދުންފަތުގެ ވަބާއިން ޒުވާން ޖީލުތައް ސަލާމަތްކުރުމަށް އަޅަން ރާވާ ފިޔަވަޅުތަކުގެ ތެރެއިން ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާއަކާމެދު ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ ޚިޔާލު ހޯއްދަވަން ހުޅުވާލާފައިވާ ޕޯލްގައި މިހާތަނަށް ބައިވެރިވީ 51.4 އިންސައްތަ މީހުން 2000 ގެ އަހަރުތަކަށްފަހު އުފަންވީ ކުދިންނަށް އެ ބޭން ގެނައުމަށް ތާއީދުކޮށްފިއެވެ.
ރައްޔިތުންނާއެކު ކުރިއަށްގެންދާ ޕޮޑްކާސްޓް ސިލްސިލާގައި ރައީސް މުޢިއްޒު ވަނީ، ދިވެހި ޒުވާނުން ދުންފަތުގެ ވަބާއިން ދުރުހެލިކުރުމަށް ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅުއްވާނެކަން ޔަގީންކޮށްދެއްވާފައެވެ. މި ގޮތުން އެޅުމަށް ރޭވިފައިވާ އެންމެ މުހިންމު އެއް ފިޔަވަޅަކީ ވަކި ތާރީޚަކަށްފަހު އުފަންވާ ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރާ ޖެނެރޭޝަނަލް ބޭންއެކެވެ.
އެކްސް ޕްލެޓްފޯމްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މި ބޭން ތަންފީޒުކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާއަކާމެދު ތިން އޮޕްޝަނެއް ހުށަހަޅުއްވާފައެވެ. އެއީ 2007 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށްފަހު އުފަންވެފައިވާ ޖީލުތަކަށް ބޭންކުރުން، 2004 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށްފަހު އުފަންވެފައިވާ ޖީލުތަކަށް ބޭންކުރުން، އަދި 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ޖީލުތަކަށް ބޭންކުރުމެވެ. މި ޕޯލް ހުޅުވާލީ އިއްޔަ ހަވީރުއެވެ.
މިހާތަނަށް 3،760 މީހުން މި ޕޯލްގައި ބައިވެރިވެފައިވާއިރު އެންމެ މަދުން ތާއީދުކޮށްފައި ވަނީ 2004 ވަނަ އަހަރަށްފަހު އުފަންވެފައިވާ ކުދިންނަށް މި ބޭން ގެނައުމަށެވެ. އެގޮތުން އެގޮތަށް ތާއީދުކޮށްފައި ވަނީ 7.7 އިންސައްތަ މީހުންނެވެ. 2007 ފަހުން އުފަންވީ ކުދިންނަށް ޖެނެރޭޝަން ބޭންއެއް ގައުމަށް 40.9 އިންސައްތަ މީހުން ވަނީ ތާއީދުކޮށްފައއެވެ. 2000 އަށްފަހު އުފަންވީ ކުދިންނަށް މި ބޭން ގެނައުމަށް 51.4 އިންސައްތަ މީހުން ތާއީދުކޮށްފައިވެއެވެ.
”18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރާތާ ގިނަ ދުވަސްތަކެއް ނުވަނީސް، އެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް މަގުފަހިވެގެންދާނެ“ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
މި މުހިންމު ނިންމުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސް ވަނީ އެކްސް ޕްލެޓްފޯމް މެދުވެރިކޮށް ޕޯލްއެއް ހުޅުވާލައްވާފައެވެ. މި ފިޔަވަޅަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ކުރިމަތިވާ ސިއްޙީ އަދި އިޖްތިމާޢީ ގެއްލުންތަކުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށް އެޅޭ އެންމެ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ބެލެވެއެވެ.

