ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދުކަމަށާއި، އެއީ އަންނަން އޮތް ޖީލުތައް އެ ވަބާއިން ސަލާމަތް ކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ވިދާޅުވެއްޖެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ޝަމީޒް ވިދާޅުވީ، ވޭޕް މަނާކުރުމަށް ނިންމާފައިވުމަކީ އަޅާފައިވާ ވަރަށް ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެގޮތުން ވަރަށް ގިނަ މީހުންގެ ފަރާތުން އެކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އިވިފައިވާކަމަށާއި ޅަ އުމުރުގެ ކުދިން ވެސް އެކަމުގައި ޝާމިލުވާކަމުގެ ހަބަރުތައް ލިބިފައިވާކަމަށް ވިދާޅުވިއެވެ.
ވޭޕް ބޭންކުރުމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ވަރަށް ވަރުގަދަ ފިޔަވަޅެއްކަން ފާހަގަކުރައްވައި ޝަމީޒް ވިދާޅުވީ، އެކަމުގެ ސަބަބުން ސިއްހީ ގޮތުން ގެއްލުން ލިބޭކަން ޑޮކްޓަރުން ފާހަގަކުރާކަމަށާއި ނަމަވެސް އެންމެ ފުރަތަމަ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށްފައި ވަނީ މި ދައުރުގައި ނޫންކަމަށެވެ.
ޝަމީޒް ވިދާޅުވީ، 12 ރުފިޔާއަށް ހުރި ސިނގިރޭޓު ފޮށީގެ އަގު ބޮޑުވަމުން ގޮސް އެންމެ ފަހުން 105 ރުފިޔާއަށް ހެދީ އެމްޑީޕީގެ ސަރުކާރުންކަމަށެވެ. އަދި 110 ރުފިޔާއަށްވެސް ވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުގައިކަމަށާއި މި ސަރުކާރުން ޑިއުޓީ ބޮޑު ކުރ ދުންފަތާއި ދުރުހެލިކުރުމަށްޓަކައި ކަމަށެވެ.
މެމްބަރު ވިދާޅުވީ، އެއީ ސަރުކާރުން މަންފާތަކެއް ހާސިލުކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅެއް ނޫންކަމަށާއި އެކަން ކޮށްފައިވަނީ ދުންފަތުގެ ވަބާއިން ޒުވާން ޖީލުތައް ސަލާމަތްކުރުމަށްކަން ރައްޔިތުން ވެސް ގަބޫލު ކުރާކަމަށެވެ. އެހެންކަމުން ވޭޕު މަނާކުރުމަށާއި ދުންފަތުގެ އަގު ބޮޑުކުރުމަށްވެސް ތާއީދުކުރައްވާކަމަށެވެ.
މެމްބަރު ވިދާޅުވީ، ޒުވާން ޖީލުތައް ދަނީ އެކަމުގައި ޖެހި ހަލާކުވަމުންކަމަށާއި ޔޫރަޕާއި ދުނިޔޭގެ އެހެނިހެން ސަރަހައްދުތަކަށް ބަލާލުމުންވެސް ވޭޕުން ނުކުންނަ ނަތީޖާ ފެނިގެންދާކަމަށެވެ. ޝަމީޒް ވިދާޅުވީ، އިސްލާމީ ނޫން ގައުމުތަކުގައިވެސް ވޭޕު މަނާކުރަމުންދަނީ ކޮންމެވެސް ސަބަބުތަކެއް އޮވެގެންކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތުގައިވެސް އެކަމާއި ދެކޮޅަށް ބިލެއް ހުށައެޅި ބަހުސްތަކެއް ކުރެވިފައިވާކަމަށާއި އެފަދަ ގައުމުތަކުގައި މަނާކުރުމަށް މަސައްކަތްތައް ފަށާފައިވަނީ ގެއްލުންތައް ބޮޑުވުމުންކަމަށް ފާހަގަކުރެއްވިއެވެ.

