ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ހުރި އެކިކަހަލަ ދަތިތައް ޙައްލުކޮށްދޭނަން: ރައީސް

ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ހުރި އެކިކަހަލަ ދަތިތައް ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ އިނގިރޭސިވިލާތުގެ ލިވަރޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ދަރިވަރުންނަށް ބޭނުންވާ ފައިސާ ދޫކުރުމުގެ ކަންކަން އެންމެ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް އަދި ޓިއުޝަން ފީ ގެ ފައިސާގެ ކަންކަންވެސް އިތުރަށް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ނިޒާމުތެރޭގައި ހުންނަ އިންއެފިޝިއެންސީތައް ހައްލުކޮށްދޭނަން

ރައީސް ވަނީ ދަރިވަރުން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭއިރު ދިމާވާ އެކި ކަހަލަ ދަތިތަކުގައި ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް އިސްކަން ދީގެން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އެގޮތުން ކޮންމެ ގައުމެއްގައި ކިޔެވިޔަސް އެ ގައުމެއްގައި ދިވެހި ކިޔަވާ ކުއްޖަކަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށާއި، އިސްކަން ދޭން ޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސްކޮލާޝިޕްގައި އައިސް ތިބި ކުދިންނާއި އަދި ލޯނުގައި އައިސް ތިބި ކުދިންގެ އިތުރުން، އަމިއްލަ ހަރަދުގައި އައިސް ތިބި ކުދިންނަށްވެސް އެއްވެސް ކަމެއްގައި ސަރުކާރުގެ ތެރެއިން ކަމެއް ކޮށްދިނުމުގައި އެހީތެރިކަމެއް ބޭނުންވާނަމަ އެކަމެއް ސަރުކާރުގެ ތެރެއިން ކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

އަދި ނުވެ އޮތް ކަމެއްވިއްޔަސް އެކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކޮށްދޭނަން ސަރުކާރު ނިޒާމުގެ ތެރެއިން އަވަސް ކޮށްދިނުމާއި ފަހިކޮށްދިނުމުގައި

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާގެ ތެރެއިން އެކަށީގެންވާ މައުލޫމާތު ފޯރުކޮށްނުދޭ ކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށާއި، އެފަދަ ކަންކަން ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާއި ގުޅޭގޮތުން ރައީސް އޮޅުންފިލުއްވިއެވެ. މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަގީންކަން ރައީސް ވަނީ އެދަރިވަރުންނަށް ދެއްވާފައެވެ.

ރައީސް ވިދާޅުވީ އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވަން ލިބިވަޑައިގަތުމުން  ހިތްޕުޅު ހަމަޖެހިވަޑައިގެންނެވި ކަމަށެވެ. އަދި އެދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމުގައި ލިބިފައިވާ ކާމިޔާބީތަކާއިމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ޤައުމުގެ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިރައްޔިތުންނާ އަދި އެޤައުމުތަކުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާކަމެކެވެ. އެބައްދަލުވުންތަކުގައި ދިވެހީންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވައި، އެކަމަށް ހައްލުތައް ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ.

މީގެއިތުރަށް ރައީސް ވަނީ ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތް ކުރައްވައި، ފުޓުބޯޅައިގެ ކޯޗިންގްގެ އަދި ތަމްރީނުތައް ބައްލަވާލައްވާފައެވެ. ފަހުގެ ވަސީލަތްތަކާއެކު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ކުރެއްވި މިޒިޔާރަތުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާއި ކުރިއަރަމުންދާ އުންމީދީ ކުޅުންތެރީންނަށް ފުރުޞަތުތައް ފަހިކޮށްދެވޭނެ ގޮތްތައް އޮޅުންފިލުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: