ކ ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރެއިން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވައި ދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަޙްމަދު ސަޢުދީއެވެ.
814 މީހުންގެ އާބާދީއެއް އޮންނަ މާލެއަތޮޅު ގުޅިއަކީ ބިމުގެ ޖާގައިގެގޮތުން ކުޑަނަމަވެސް ވަރަށް ރީތި ހިތްގައިމު ރަށެކެވެ. މާލެ އަތޮޅުގެ ގިނަ ރަށްތައް ފަދައިން ގުޅިއަކީވެސް ފަތުރުވެރިކަން ކުރިއަށްއަރަމުން އަންނަ ރަށެކެވެ. އެގޮތުން މިހާރުވެސް ރަށުގައި 15 ވަރަކަށް ގެސްޓްހައުސް އަންނަނީ އެކި ފަންތީގައި ހިންގަމުންނެވެ.
ރަށުގެ ގިނަ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ރަށުގެ ބިންކޮޅު ކުޑަވުމުން ރަށުގައި ދިރިއުޅުމަށާއި އަދި ވިޔަފާރިކުރުމަށް އިތުރު ޖާގަ ނެތުމުގެ މައްސަލައެވެ. އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފެށުމާއެކު، ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެހިގެންދާތަން ކުރިއަށް އޮތް މުސްތަޤްބަލުގައި ފެނިގެންދާނެ ކަމަށެވެ. އަދި މުޅި މަޝްރޫޢު ނިމުމާއެކު، ރަށުގެ ރައްޔިތުންގެ އޮތް ބޯހިޔާވަހިކަމާއި އިޤްތިޞޯދު ފުޅާކުރުމަށް އޮތް ދަތިކަމަށް ބޮޑުތަނުން ހައްލު ލިބިގެންދާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ބިން ހިއްކުމަށްފަހު 10.15 ހެކްޓަރުގެ ބިމެއް މި ރަށަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10,962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓަކާއި، 88 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މި މަޝްރޫޢަކީ 89.6 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެކެވެ.
މި ރަސްމިއްޔާތުގައި ކ. ގުޅި ކައުންސިލްގެ ރައީސް މޫސާ ސަފީލް އާއި އެމްޓީސީސީ އަދި ގުޅީ ކައުންސިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވޭތުވެދިޔަ 44 އަހަރު ތެރޭ އެމްޓީސީސީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.

