އެމެރިކާގައި ޓިކްޓޮކް ބޭންކުރުން ދެވަނަ ފަހަރަކަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފަސްކުރައްވައިފިއެވެ.
އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާތަށް ކުރިމަތިވާކަމަށް ބުނެ އެ ގައުމުގައި ޓިކްޓޮކް މަނާކުރުމަށް މަސައްކަތްތައް ފެށިގެންދިއުމަށްފަހު ވެރިކަން ބަދަލުވުމާއިއެކު އެ ގައުމުގެ ރައީސްކަމަށް ވަޑައިގެންނެވި ޓްރަމްޕުވަނީ އެ ކުންފުންޏަށް ހިއްސާތައް ވިއްކާލައި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވާފައެވެ.
ޓްރަމްޕު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މަގުބޫލު ވީޑިއޯ އެޕް ޓިކްޓޮކްގެ ވެރި ކުންފުނިން ޗައިނާއަށް ނިސްބަތްނުވާ ކުންފުންޏަކަށް ހިއްސާތައް ނުވިއްކައިފި ހާލަތެއްގައި ބޭންކުރުމަށް ޖޯ ބައިޑެންގެ ސަރުކާރުން ކަނޑައެޅިއެވެ. ވެރިކަމަށް ވަޑައިގެންނެވި ދުވަހު ޓްރަމްޕުވަނީ ގަރާރެއް މެދުވެރިކޮށް އެ ނިންމުން ފަސްކޮށްފައެވެ. ނަމަވެސް މިހާރު އެ މުއްދަތު ހަމަވެފައިވާއިރު އަނެއްކާވެސް 75 ދުވަހަށް މުއްދަތު އިތުރުކޮށްފައިވާއިރު ސަބަބެއްގެ ގޮތުގައި އެފަދަ ބޮޑު މަސައްކަތްތަކެއް ކުރުމަށްޓަކައި ގިނަ އެޕްރޫވަލްތަކެއް ބޭނުންވުން ފާހަގަކޮށްފައިވެއެވެ.
ޓްރަމްޕު ސޯޝަލްމީޑިއާގައި އާންމުކުރެއްވިގޮތުން އެ މަސައްކަތްތައް ޗައިނާއާއިއެކު ހެޔޮ ނިޔަތުގައި ކުރިއަށް ގެންދިއުމަށް އެމެރިކާއިން އެދޭކަމަށެވެ. އަދި ޗައިނާއިން އެ ގައުމަށް ކުރާ އެކްސްޕޯޓުތަކުގެ ޑިއުޓީ ބޮޑުކުރި މައްސަލައިގައި ހިތްހަމަނުޖެހުންތަކެއް އޮވެދާނެކަމަށް ގަބޫލުކުރާކަންވެސް ހިއްސާކޮށްފައިވެއެވެ.

