މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ 500 ލޯނު ފުރުޞަތު ހުޅުވާލައިފިއެވެ. މި ސްކީމްގެ ދަށުން ޑިޕްލޮމާ ލެވެލްއިން ފެށިގެން ޕީއެޗްޑީ ލެވެލްއާ ހަމައަށް ކިޔެވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި، ލޯނަށް އެދި ހުށަހަޅަންޖެހޭނީ މައިއެޑިޔު ޕޯޓަލް (https://myedu.egov.mv/) މެދުވެރިކޮށެވެ. ކޮންމެ ދަރިވަރަކަށްވެސް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެއް ކަމަށާއި، އެއަށްވުރެ ގިނައިން ހުށަހަޅާ ނުވަތަ ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ އަންގަވާފައެވެ.
މި ފުރުޞަތަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވާ ބުދަ ދުވަހުގެ 13:30 އެވެ. އެޕްލިކޭޝަންތަކުގެ ސްޓޭޓަސް މައިއެޑިޔު ޕޯޓަލް މެދުވެރިކޮށް ބެލޭނެއެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ”ކޮންމެ ގައުމެއްގައި ކިޔެވިޔަސް އެ ގައުމެއްގައި ދިވެހި ކިޔަވާ ކުއްޖަކަށް ސަމާލުކަން ދޭންޖެހޭނެ“ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ސްކޮލަރޝިޕް އަދި ލޯނުގެ އިތުރުން އަމިއްލަ ޚަރަދުގައި ކިޔަވާ ދަރިވަރުންނަށްވެސް ސަރުކާރުގެ އެހީތެރިކަން ބޭނުންވާނަމަ އެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑާއި ޓިއުޝަން ފީގެ ކަންކަން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

