އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރަންވީ ގައުމަށް ދިމާވެފައި އޮތް ހާލަތުން އަރައިގަތުމަށްޓަކައިކަމަށް ދެ ޕާޓީގެ ވެސް ނައިބު ރައީސްކަން ކުރައްވާފައިވާ މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.
ޝިފާޒް މިފަދައިން ވިދާޅުވީ މިއީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ޑިމޮކްރެޓްސް އެކުގައި ގުޅިގެން ސިޔާސީ މަސައްކަތަށް ނިކުންނަން ޖެހޭ ވަގުތުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ނަޝީދަކީ އެމްޑީޕީގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ، ޕާޓީގެ ޓިކެޓުގައި އެންމެ ފުރަތަމަ ވެރިކަން ވެސް ކުރެއްވި ބޭފުޅާ އެވެ. އެހެން ނަމަވެސް އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ޕާޓީ އެމަނިކުފާނު ދޫކުރެއްވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އުފެދުނު ހިޔާލުތަފާތުވުންތަކާއި އެކު އެ އަހަރު އިންތިހާބުގައި ވާދަކުރުމަށް ޖާގަ ނުލިބުމުންނެވެ. އެއާއި އެކު އެމްޑީޕީގެ ސަރުކާރުގައި ރައީސް ނަޝީދާއި، ޕާޓީގެ އިސް ލީޑާޝިޕް ހިމެނޭ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވުން އުފެދި ޕާޓީ ދެކަފިވެގެން ދިއުމަކީ ދެވަނަ ދައުރެއްގެ ވެރިކަން ގެއްލުނު އެންމެ ބޮޑު ސަބަބެވެ.
ދެ ޕާޓީ އެކުގައި މަސައްކަތް ކުރުމަށް ރައީސް ނަޝީދު ގޮވާލުމުން، އެކަމަށް ދެ ޕާޓީގެ ފަރާތުން ވެސް ބައެއް ބޭފުޅުން އެ ހުށަހެޅުމަށް މަރުހަބާ ކިޔާފައި ވެއެވެ.
އެ ހުށަހެޅުމާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޝިފާޒް ވިދާޅުވީ ރައްޔިތުން ވެރިއަކު ހޮވަނީ އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީން ހުށަހަޅާ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމަށް ތާއީދުކޮށް ތަންފީޒު ކުރުމަށް އެދޭ ހާލަތުގައި ކަމަށެވެ. އެހެން ނަމަވެސް ޕާޓީގެ އެ އަސާސްތަކާއި ދުރަށް ގޮސް، ބޭނުންވި ނަތީޖާ ނުނެރެވޭކަމަށް ގަބޫލު ކުރެވޭ ނަމަ ކޮންމެ މީހަކަށް ވެސް ތެދުވެ ބަސް ބުނުމުގެ ހައްގު އޮންނާނެކަމަށް ޝިއްޕެ ވިދާޅުވި އެވެ. އެހެންކަމުން 2018 ގައި ރައްޔިތުން ދުށް ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، އަލުން މަސައްކަތް ކުރަން ޖެހިފައިވާކަމަށް ގަބޫލު ކުރެވޭކަމަށް ޝިއްޕެ ވިދާޅުވި އެވެ.
ޝިއްޕެ ވިދާޅުވީ ރައްޔިތުންނަށް ފަސް އަހަރަކަށްވީ ވައުދެއް ނުފުއްދައި، އަލުން އަނބުރާ އަނެއްކާވެސް އިންތިހާބަކަށް މެނިފެސްޓޯއެއް ތައްޔާރުކޮށްގެން ނިކުމެ ވާހަކަ ދައްކައިގެން ރައްޔިތުންގެ ތާއީދާއި ވޯޓެއް ވެސް ނުލިބޭނެކަމަށެވެ. އެހެންކަމުން އެ ދައުރު އެއްކޮށް ހިންގުމަށް ފުރުސަތު ދީ ތިބެގެން، އަނެއްކާ ނަތީޖާ ނުނެރެވޭނެ ފަސް އަހަރަކަށް ޖާގަ ދޭންވީތޯ ޝިއްޕެ ސުވާލު ކުރެއްވި އެވެ.
އެ މަސައްކަތް ނުކުރީކަން އެބަ އެނގޭ.. ނުކުރީކަން އެބަ އެނގޭ.. އެހެންވީމަ އަލުން އަނބުރާ އެކަން ކުރާނެކަމަށް ރައްޔިތުން ކައިރިއަށް މެނިފެސްޓޯގައި ކިތަންމެ ވަރަކަށް ލިޔެގެން ދިޔަޔަކަސް އެކަމެއް ނުވާނެ.. އެއޮތީ ފެންނާން.. ނުވިއެއް ނޫންތޯ.. އެހެންވީމަ އެ ހާލަތުގައި މި ފަސް އަހަރު ވެސް އޮންނަންވީ ތޯ.. ދެން އަންނަ ފަސް އަހަރު ވެސް އޮންނަންވީ ތޯ..
މިހުރިހާ މައްސަލައެއްގެ ތެރެއިން ޕާޓީ ދޫކޮށް ގޮސް، އެހެން ސިޔާސީ ޕާޓީއެއް އުފައްދައި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރުމަށް ފަހު އެނބުރި އަނެއްކާ އެމްޑީޕީއަށް އައުމަށް ދައްކާ ވާހަކައަކީ ދެކޮޅު ޖެހޭ ވާހަކައެއްތޯއާއި އެކުގައި މަސައްކަތް ކުރެވިދާނެކަމަށް ރައްޔިތުން ގަބޫލު ކުރަންވީ ކީއްވެގެންތޯ ސުވާލު ކުރުމުން ޝިއްޕެ ވިދާޅުވީ އޭރު ވެސް މައްސަލަ ޖެހުނީ ވެރިކަން ކުރުމާއި ގުޅޭގޮތުން ކަމަށެވެ.
މިހާރުގެ ހާލަތު އޮތް ގޮތަކީ ޝިފާޒް ވިދާޅުވީ އެމްޑީޕީއަކީ ވަރުގަދަ ސިޔާސީ ޕާޓީއަކަށްވާއިރު އޮޕޮޒިޝަންއެއްގެ ގޮތުގައި ވަރުގަދަކޮށް ނުފެނުމެވެ. އެހެންކަމުން އެ ޝަކުވާއަށް ތަސައްލީއެއް ލިބުމަކީ ރައްޔިތުން އެދޭ ގޮތްކަމަށް ވާތީ، އެކުގައި މަސައްކަތް ކުރުމުގައި ގޯހެއް ނެތްކަމަށް ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އުފެއްދީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވުމުގެ އަމާޒުގައިކަމަށާއި، އަދި އެމްޑީޕީއާއި ޝިއްޕެ ގުޅި އެހެން ބޭފުޅުން ވެސް އެމްޑީޕީއާއި އެކުގައި މަސައްކަތް ކުރުމަށް ބޭނުންވަނީ އޭރު ފެށި މަސައްކަތް ފެއިލްވީތީތޯ ސުވާލު ކުރުމުން ވިދާޅުވީ އަލި މަގެއް ނުފެނުމުން އިތުރު ގޮތެއް އޮތް ނަމަ އެގޮތާއި އެކު ކުރިޔަށް ދެވޭނެކަމަށެވެ.
ޝިއްޕެ ވިދާޅުވީ އަމިއްލަ ބޭނުންތައް އިސްކޮށްގެން، ގައުމަށް ވާނެގޮތެއް ވުމަށް ދޫކޮށްލައިގެން ނުތިބެވޭނެކަމަށެވެ. އަދި ވިދާޅުވީ މިހާރު ދައުލަތުގެ އެއްވެސް ސިފައެއް ނެތްކަމަށާއި އެހެންވީމަ ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ދެވެން ނެތްކަމަށް ޝިއްޕެ ވިދާޅުވި އެވެ.
އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އުފެދިގެން އައީ ހަމަ އެ ތުހުމަތާއި އެކު ނޫންތޯ އަނެއްކާވެސް ސުވާލު ކުރުމުން ޝިއްޕެ މިސާލު ދެއްކެވި މި ސަރުކާރުގައި ހިނގި ހާދިސާއެކެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގަކީ ވެސް ވަރަށް ކެރުމާއި ހިތްވަރާއި އެކު މަޖިލީހަށް އައި ކުރީގެ ނޫސްވެރިއެއް ކަމަށެވެ. އަދި އޭނާ ވަކާލާތު ކުރި ކަންކަމުގައި ދަމަހައްޓައި ބަސް ބުނުމުން ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ، ވަޓްސްއަޕް ގުރޫޕުން ބޭރު ކުރިކަމަށް ވިދާޅުވި އެވެ. އެހެންކަމުން އޭރު އެމްޑީޕީ ދޫކުރި މެމްބަރުންނަށް ވެސް ދިމާވީ ހަމަ އެ ހާލަތުކަމަށް ޝިއްޕެ ވިދާޅުވި އެވެ.
ޝިއްޕެ ވިދާޅުވީ އެމްޑީޕީން އޭރު ޕީޖީގެ މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ނިންމައި، އަލީ އާޒިމް ވަކި ކުރިކަމަށެވެ. އަދި އެހެން ބައެއް ބޭފުޅުންނާއި މެދު ވެސް ސުލޫކީ މައްސަލަތައް ބަލަމުން ގެންދިޔަ ކަމަށެވެ. އެހެންކަމުން އަޒާންއާއި މެދު މި ސަރުކާރުން މިވަގުތު އަޅާފައި ނުވާ ހަމައެކަނި ފިޔަވަޅަކީ ޕީއެންސީން ވަކި ކުރުންކަމަށް ވެސް ޝިއްޕެ ވިދަޅުވި އެވެ.
ޝިއްޕެ ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލައެއް އޮތް ގޮތުގައި ދޫކޮށްލައިގެން ތިބެވެން ނެތްކަމަށެވެ. އަދި ހުރި މައްސަލަތަކެއް އިސްކޮށްގެން ތިބެން ރަނގަޅެއް ނޫންކަމަށް ވިދާޅުވި އެވެ.

