ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދަޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ.
ސިއްހީ ދުޅަހެޔޮކަން ކަށަވަރުކޮށް އަންނާން އޮތް ޖީލުތަކަށް، ރަނގަޅު މުސްތަގުބަލެއް ގެނެސްދިނުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވަނީ ނާޒިމް ވިދާޅުވި ގޮތުގައި ތައުރީފު ހައްގު މަސައްކަތެކެވެ. އަދި ވަޒީރުންގެ މަޖިލީހުގައި ކުރެވޭ މަޝްވަރާތަކުގެ އަލީގައި، އެކި ނިންމުންތައް ނިންމާފައިވާނެކަން ނާޒިމް ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ކުއްޖާ އުފަންވެގެން އައުމަށް ފަހު، އެ ކުއްޖާ ދުޅަހެޔޮ ކުއްޖެއްގެ ގޮތުގައި ބޮޑުވެގެން އައުން މުހިންމު ކަމަށެވެ. އަދި މުޖްތަމައު ރަނގަޅު ގޮތުގައި ދެމެހެއްޓޭނީ މައިންނާއި ތުއްތު ކުދިންނަށް ހާއްސަ ސަމާލުކަމެއް ދެވިގެންކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ މިއީ ދުރާލައި ރަނގަޅު ވިސްނުންތަކާއި އެކު ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ.
ދުޅަހެޔޮ މައިވަންތަކަމެއް ކުރިއެރުވުމާއި، ދަރިފުޅާއި މައިމީހާއަށް ނުރައްކާވެދާނެ ސިއްހީ ހާލަތްތައް އަދި މާހައުލާއި އާދަތަކުން ރައްކާތެރިވުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު މިއަދު ހަމަޖެހިފާވާކަމަށެވެ. އެއާއި އެކު ސަރުކާރުގެ އަމާޒެއްގެ ގޮތުގައި ވިދާޅުވީ މިހާރު ހުރި ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ހިދުމަތުގެ ފެންވަރު ގެނައުމެވެ. އަދި އެކަމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތް ފަށާފައިވާކަމަށް ވިދަޅުވި އެވެ. ސާރުކާރުން ހާއްސަ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި. އެހަނަސް މިއަދު މިއޮތް ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރަން.
މި އަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރުން ބާރު އަޅަނީ ކުއްޖަކު ދުޅަހެޔޮކަންމަތީ އުފަންވެ، ސިއްހަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި އެ ކުއްޖާ ހެދި ބޮޑުވުމުގެ މުހިންމުކަމެވެ.

