ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ ދަށުން ބައެއް ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިންމައި ޓެސްޓު ކުރަން ފަށައިފިއެވެ.
އެޗްޑީސީގެ ޗީފް އޮޕްރޭޓިން އޮފިސަރ އަހުމަދު އިބްރާހިމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރަން ކުރާ މަސައްކަތްތަކުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ލިފްޓު ހަރުކޮށް ނިމުނު ޓަވަރުތަކުގައި ބެހެެއްޓި ލިފްޓްތަކުގެ ސަލާމަތީ ކަންކަން ބަލަން ޓެސްޓުތައް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލިޔާ ފުލެޓުގައި މިހާރު ހުރި ލިފްޓުތަކަށްވުރެ މިހާރު ހަރުކޮށްފައިވާ ލިފްޓުތައް ބޮޑުވެފައި ޖާގަ ތަނަވަސް ވާނެ ކަމަށެވެ. ހިޔާ ފްލެޓްތަކުގައި ލިފްޓް މަދުވުމާ ގުޅިގެން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެތައް އަހަރެއް ވަންދެން ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ދަނީ ފުއްދެމުން ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވަރަށް އަވަހަށް ހިދުމަތް ދޭން ފަށާ އެ ބޮޑު ލިފްޓް ވެގެންދާނީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ އެތައް ހާސް އާއިލާއަކަށް ލިބޭނެ ބޮޑު ލުއިފަސޭހައަކަށް ކަމަށެވެ. ހަތަރު ޓަވަރެއްގައި މިހާތަނަށް އިތުރު ލިފްޓް ހަރުކޮށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި ބާކީ ހުރި 12 ޓަވަރުގައި ވެސް ޝެޑިއުލާ އެއްގޮތަށް ލިފްޓްތައް ހަރުކޮށް ނިމޭނޭ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ނޮވެމްބަރު މަހުގެ ނިޔަލަށް ލިފްޓްތައް ހުރިހާ ޓަވަރެއްގައި ލިފްޓުތައް ހަރުކޮށް ނިމޭނެ ކަމަށް ވަނީ ބުނެފައެވެ.

