ދަތުރުފަތުރުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު މި މަހުގެ 8 ވަނަ ދުވަހު އުފައްދަވާފައިވާ މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިންގަމުންދާނެ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާކަމަށެވެ.
އެމަނިކުފާނު މި އިދާރާ އުފައްދަވާފައިވަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ އިހުތިޔާރުގެ ދަށުންނެވެ. މި ބޯޑު ގާއިމުކުރެއްވީ ރާއްޖޭގެ ދަތުރުފަތުރު ދާއިރާގައި ސަލާމަތާއި ރައްކައުތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައިކަމަށްވާއިރު އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކި ހާދިސާތަކާއި އެކްސިޑެންޓުތައް ތަހުގީގުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސް ދެކިވަޑައިގަންނަވައެވެ.
ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީތަކުގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 501 ކަމަށްވެސް އެމަނިކުފާނުވަނީ ކަނޑައަޅުއްވާފައެވެ.
ރައީސްގެ މި މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިދާރާއެއް އުފައްދަވާފައިވާއިރު ދާދި ފަހުންވެސް ކަނޑުމަތީގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ޒުވާނަކު ގެއްލިފައިވެއެވެ. ކަމާއި ބެހޭ މުއައްސަސާތަކުންވަނީ އެ ޒުވާނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

