މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 5.8 އިންސައްތައިން އިތުރުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 687,916 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 650,404 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ.
މި މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި 55,498 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 46,400 ފަތުރުވެރިންނާ އަޅާބަލާއިރު 19.6 އިންސައްތައިގެ އިތުރުވުމެކެވެ.
މާރުކެޓްތަކުގެ ޙިއްޞާ
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 10 ޤައުމުގެ ތެރޭގައި ޗައިނާ އިން 77,840 ފަތުރުވެރިންނާއެކު އެންމެ އިސް ސަފުގައި ހިމެނެއެވެ. ދެވަނައަށް އިނގިރޭސިވިލާތުން 74,336 ފަތުރުވެރިންނާއި، ތިންވަނައަށް ރަޝިއާއިން 72,713 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ހާބަރުކުރި ތަންތަން
ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއް ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. މިގޮތުން 69.7 އިންސައްތަ ނުވަތަ 479,491 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 24.8 އިންސައްތަ ނުވަތަ 170,662 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ދެމުންދަނީ 175 ރިސޯޓާއި، 842 ގެސްޓްހައުސްއާއި، 156 ސަފާރީ އުޅަނދާއި އަދި 15 ހޮޓަލުންނެވެ. މީގެ ތެރެއިން ހޮޓާތަކުގައި 20,148 ފަތުރުވެރިންނާއި، ސަފާރީ އުޅަނދުތަކުގައި 17,149 ފަތުރުވެރިން އަދި އެހެނިހެން ތަންތަނުގައި 466 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

