ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ވަނީ ފޮނުވާފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނަކީ ގދ. ފިޔޯރީ / ހީނާމާގެ، ރުސްތުމް އިބްރާހީމް (26 އަހަރު) އާއި ބ. ގޮއިދޫ / ފިނިފެންމާގެ، ސައިފްﷲ ފައިޞަލް (19 އަހަރު) އެވެ. މި ދެ މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ.
ފުލުހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި މާރާމާރީ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ 23:35 އެހައިކަށްހާއިރު، ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓަރފް ދަނޑުގެ ހުޅަނގު ފަރާތުގައެވެ. ހަމަލާ ދިން ދެ މީހުން ވަނީ ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން ސައިކަލެއްގައި އައިސް ކޯރާޑިއަކުން ހަމަލާދީފައެވެ.
މި މާރާމާރީ ހިންގުމަށްފަހު ފިލައިގެން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ހައިވޭއިން މާލެއަށް ދަނިކޮށް ހަމަ އެރޭގައެވެ. މި މައްސަލައިގެ ތަހުގީގު މަރުހަލާ ނިންމުމަށްފަހު، ދައުވާކުރުމަށް ޕީޖީ އޮފީހުން މިއަދު ވަނީ ބަލައިގެންފައެވެ.

