”ސޭފް ހޯމް“ ފެސިލިޓީއެއް ތަރައްގީކުރުމަށްޓަކައި ސަރުކާރުން 31 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފިއެވެ.
މިއީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބަން ޚާއްސަކޮށް ތަރައްޤީކުރާ ހޯމްތަކެކެވެ. އެގޮތުން ހުޅުމާލޭގެ އިތުރުން އައްޑު އާއި ރ. އުނގޫފާރުގައި ވެސް ސޭފް ހޯމް އެޅުމަށް ނިމިދިޔަ ސަރުކާރުގައި އޮތީ ނިންމައިފައެވެ.
މިކަމާ ގުޅޭގޮތުން ސިވިލް ކޯޓުން ކުރި ޙުކުމެއްގައިވާ ގޮތުން ސަރުކާރުން ގަތް މި ބިން އެޗްޑީސީން ވިއްކާފައި ވަނީ ފެމިލީ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ހުޅުމާލޭ ލޮޓް ނަމްބަރު 11707 (A2-1) ގެ ބިން 31.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީއަށް ވިއްކުމަށް އެޗްޑީސީން ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ކުރި ހުކުމްގައި ވަނީ މިނިސްޓްރީން އެ ފައިސާ ދައްކައި އެއްކޮށް ހަލާސްކޮށްފައިވާތީ އެ ބިމުގެ މިލްކުވެރި ފަރާތަކީ މިހާރު މިނިސްޓްރީ ކަމަށެވެ.
ސިވިލް ކޯޓުގެ ޙުކުމުން އެނގޭ ގޮތުގައި ފިނޭންސް މިނިސްޓްރީން ގަނެފައި ވަނީ 10،000 އަކަފޫޓުގެ ބިމެކެވެ.
ސޭފް ހޯމްއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ދައުލަތުގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން ހަދާ ތަނެކެވެ. އެގޮތުން މިއީ 2022 ގައި ރާއްޖެ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ އެހީއެއްގައި އަޅާ ތަނެކެވެ. އޭރު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 7.51 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރަށް ދޫކުރާނެ އެވެ. އަދި ފަންނީ އެހީގެ ގޮތުގައި 2.5 މިލިއަން އެމެރިކާ ޑޮލަރު ދޫކުރާނެ އެވެ.

