އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭ ބިލާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީން ތަކުރާރުކޮށް އެމްޑީޕީއަށް ދައުވަތު ދިނުމުންވެސް ހާޒިރުނުވިކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ނުހަނު މުހިއްމު ނިންމެވުމެއް މީގެ ކުރިންވެސް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުން މިކަމުގައި ކުރިން ގޮތްތަކެއް ކަނޑައަޅުއްވާފައިވާކަން ފަލާހު ފާހަގަ ކުރެއްވިއެވެ.
ފަލާހު ވިދާޅުވީ، އިޒްރޭލުން ފަލަސްތީނަށް ޙަމަލާދޭތާ އެތައް ޒަމާނެއްވެއްޖެ ކަމަށާއި، ނަމަވެސް މިހާތަނަށް މިފަދަ ނިންމެވުމެއް އެއްވެސް ސަރުކާރަކުން އަދި މަޖިލީހަކުންވެސް ނިންމާފައިނުވާ ކަމަށެވެ.
މިސާލަކަށް މިހާރު ހިނގަމުންދާ ޙަމަލާތައް އެންމެ ނުރައްކާތެރިވެގެން ދިޔައީ 19 ވަނަ މަޖިލީހުގެ ދައުރުގެ ތެރޭގައިކަން ފާހަގަ ކުރައްވައި ފަލާހު ވިދާޅުވީ، އޭރު މަޖިލީހުގެ އިދާރާއާއި އެކި ކޮމިޓީތަކުގައި ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު، މި މައްސަލައިގައި ޤަރާރެއް ހުށަހެޅުން ފިޔަވައި އިތުރު ކަމެއް އޭރު ހިނގާފައިނުވާ ކަމަށެވެ. ނުވިތާކަށް ނިމިދިޔަ ސަރުކާރުގައިވެސް މި މައްސަލައިގައި އެއްވެސް ކަމެއް ކުރެވިފައިނުވާކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ނިމިދިޔަ ދުވަސްތަކުގެ ތެރޭގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭ މައްސަލައިގައި ތަފާތު އެކިއެކި އިދާރާތަކާއި މުއައްސަސާތައް ހާޒިރުކޮށް ހިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށާއި، ތަކުރާރުކޮށް އެމްޑީޕީއަށްވެސް ދައުވަތު ދެވުނު ކަމަށެވެ.
ދަންނަވާލަން ބޭނުން އިއްޒަތްތެރި ރައީސް، މި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ، ތަކުރާރުކޮށް ސިޓީ ފޮނުވިން މި ކޮމިޓީއަށް އައިސް މިކަމުގައި ދެކޭގޮތް ދަންނަވާލަދޭށޭ، ނުކެރުނު، ހުމާ ރަޖާލައިގެން ތިބީ، ކީއްތޯވާނީ މިތާނގައި ލައިވްކޮށް އައިސް 241 ކޮމިޓީގައި ދަންނަވަން ފެނެޔޭ ތި މަނާކުރަން، އެއިން ބޭފުޅަކު ލޯވެސް ދިއްކޮށްނުލެއްވި، ސިޓީ ލިބުނުކަމަށްވެސް ނުހެދި، ހަތަރު ފަސްފަހަރު ސިޓީ ފޮނުވިން،
ފަލާހު ވިދާޅުވީ، މަޖިލީހުން ކުރަމުންދާ މަސައްކަތްތަކަކީ ރައްޔިތުންނާއި ޤައުމަށް އެންމެ ފައިދާވާނެ ގޮތްތަކަށް ކުރެވެމުންދާ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައަށް ބަލާއިރު، މިހާރު ނިންމާފައިވާ ނިންމުންތަކަކީ އިޒްރޭލުގެ އަނިޔާވެރިކަމާއި އުދުވާނު ދެމިއޮތްހާ ދުވަހަކު އެ ޤައުމުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެ ގޮތަށް ހެޔޮ ނިޔަތުގައި ނިންމާފައިވާ ނިންމުންތަކެއްކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 19 ވަނަ މަޖިލީހުގައި މިކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ކަމަށެވެ. އެގޮތުން ސާފު ބަހުން ޕާސްޕޯޓު މަނާކުރުމަށް އޭރު އެމްޑީޕީގެ މެމްބަރުންނަށްވެސް ގޮވާލެވިފައިނުވާކަން ފަލާހު ފާހަގަ ކުރެއްވިއެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި މެދު ގޮތެއް ނިންމައި، ހަމަލާތައް ހުއްޓާލަންދެން ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވަނީ ނިންމާފައެވެ. ކޮމިޓިއިން ވަނީ މީގެ ކުރިން ފަތުރުވެރިކަމުގެ އެކި ޖަމިއްޔާތަކާއި، ކަމާއި ގުޅުން ހުރި އެކި އިދާރާތަކާއި ބައްދަލުކޮށްފަ އެވެ.

