ބޭންކް އޮފް މޯލްޑިވްސްގެ މުޅި އޭޓީއެމް ވިއުގައަށް ބަލާއިރު ދުވާލެއްގެ މައްޗަށް 30،000 މުއާމަލާތް ހިނގާކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން އިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް 30،000 މުއާމަލާތް ހިނގާއިރު އެއީ 99 މިލިއަން ރުފިޔާއެވެ. އަދި ދުވާލަކަށް 28.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ދައްކައެވެ. އެގޮތުން ބީއެމްއެލްއިންް ވަނީ އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އޭޓީއެމް ވިއުގައިގެވެސް ތަފާސް ހިސާބުތައް ފޮނުވައިފައެވެ.
އެގޮތުން ދުވާލަކު 15،000 މުއާމަލާތް ހިނގާއިރު އެއީ 41 މިލިއަން ރުފިޔާއެވެ. އަދި ދުވާލަކަށް ޖަމާކުރާ އަދަދަށް ބަލާއިރު 12.3 މިލިއަން ރުފިޔާ ޖަމާކުރާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
ބައެއް އަތޮޅުތަކަށް ބަލާއިރު ދ. އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ގާއިމްކޮށްފައެވެ. މިއަހަރުގެ 25 ފެބްރުއަރީން ފެށިގެން 9 އޭޕްރިލްގެ ނިޔަލަށް 13،000 މުއާމަލާތް ހިނގާފައިވައިރު އެއީ 47 މިލިއަން ރުފިޔާއެވެ. އަދި ޖަމާކޮށްފައިވާ އަދަދުތަކަށް ބަލާއިރު 10.2 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.
ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރެވުމާއިއެކު 24 މާރޗުން ފެށިގެން 9 އޭޕްރިލްއަށް 21،600 މުއާމަލާތް ވަނީ ހިނގާފައެވެ. އަދި އެއީ 50 މިލިއަން ރުފިޔާގެ މުއާމަލާތެވެ. ޖަމާކޮށްފައިވާ އަދަދަކީ 15 މިލިއަން ރުފިޔާ ކަމަށް ބީއެމްއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ވަރަށް ގިނަ ރަށްރަށުގައި އެކަމުގެ މަސައްކަތް ފެށުމަށް ވަނީ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ.

