ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ހިދުމަތަކީ ހިލޭ ލިބޭނެ އެއްޗެއް ނޫން!

ހުރިހާ ހިދުމަތަކީ ހިލޭ ލިބޭނެ އެއްޗެއް ނޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތެއްގެ ފައިސާ އަކީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް ހަރުދުކުރުމަށާއި އަދި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް އޮންނަ އެއްޗެކެވެ. އަދި މީގެއިތުރަށް އެ ގައުމެއް ކުރިއެރުވުމުގައި ވެސް ދައުލަތުގެ ފައިސާއިން ވަރަށް ބޮޑެތި ހޭދަތަކެއް ކުރެއެވެ. މިކުޑަ ދިވެހި ރާއްޖޭގައި ވެސް ހަމަ އެފަދައިން ކަން ހިނގާއިރު ބައެއް ފަހަރު ތަކަކީ ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް އަޑި އަޅާލައިފައިވާ ދުވަސްވަރަކަށް ވެދާނެއެވެ. އެހެންނަމަވެސް ގައުމުގައި ދިރިއުޅެއްމުންދާ ރައްޔިތުންނަށް ވަރަށް ގިނަ ހިދުމަތްތަކެއް ދެވޭތޯ މަސައްކަތްކުރެއެވެ.

ދިވެހިރާއްޖެއަކީވެސް ވަރަށް ގިނަ ހިދުމަތްތަކެއް ހިލޭ ދައުލަތަކުން ފޯރުކޮށްދޭ ކުޑަ އެއް ގައުމަށް ވާނެއެވެ. ރާއްޖޭގައި ބޭސް ފަރުވާގެ ނިޒާމަކީ މިއަދު ހިލޭ ދައުލަތުން ފޯރުކޮށްދޭ ހިދުމަތަކަށް ވާއިރު، ސާނަވީ ތައުލީމާއި، ހިލޭ ޑިގްރީގެ ފުރުސަތުތަކާއި އަދި ކަރަންޓާއި، ފެނާއި އަދި ތެލަށް އޮންނަ ސަބްސިޑީވެސް މިއީ ހަމަ ދައުލަތުން ހިލޭ ފޯރުކޮށްދޭ ހިދުމަތްތަކެވެ. މިއަދު ރާއްޖޭގައި އަމިއްލަ އައިޑެންޓިޓީ ކާޑު ދައްކައިލައިގެން ހިލޭ ބޭސް ފަރުވާ ނުލިބޭނެ އެއްވެސް މީހެއް ނެތެވެއެވެ. ކޮންމެ ކުއްޖަކީވެސް ސާނަވީ ތައުލީމު ކިޔެވޭނެ ކުއްޖެއްކަން ދައުލަތުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މީގެއިތުރަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑު ވެގެންދާއިރު ސަބްސިޑީއަށް ވެސް ދައުލަތުން އެތައް ހޭދައެއް ކުރެއެވެ.

މިހުރިހާ ކަމަކީ މިއަދު ވަރަށް ބޮޑު ”އަޕްގްރޭޑެއް“ ބޭނުންވެފައިވާ ކަމެއްކަން ގަބޫލުކުރަމެވެ. އަދި އެކަށީގެންވާ ގޮތެއްގައި މި އަބާދީއަށް ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭކަންވެސް ފާހަގަކުރަމެވެ. އެހެންނަމަވެސް ދައުލަތުން ދޭ ކޮންމެ ހިދުމަތަކީ ހިލޭ ބޭނުންވާ ހިދުމަތެއް ނަމަ ދައުލަތުގެ ދަރަނި އިތުރުވެ ދެވޭ ހިދުމަތުގެ ފެންވަރު ދާނީ މިހާރު ހުރި ވަރަށް ވުރެވެސް ދަށަށެވެ. ތަކެތީގެ އަގު ބޮޑު ވާހަކަ އަބަދުވެސް ދައްކައެވެ. އަދި ހިދުމަތްތަކުގެ އަގު އަތް ނުފޯރާ ފަށުގައި ހުންނަ ވާހަކަ ދައްކައެވެ. އެހެންނަމަވެސް މިހުރިހާ ކަމެއްވެސް ކުރެވޭނީ ދައުލަތަށްވެސް މަންފާއެއް ވެގެންނެވެ.

އެންމެންވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެއްވެސް ގައުމެއްގައި ހުރިހާ އެއްޗަކީ ހިލޭ ދެވޭނެ އެޗެހި ނޫންކަމެވެ. އެހެންނަމަވެސް ރައްޔިތުން އަތުން ޓެކްސްފައިސާ ނަގާނަމަ އެ ފައިސާ ހަރަދު ކުރަން ވާނީ ރައްޔިތުންނަށް ފައިދާއާއި މަންފާ ކުރާނެ ގޮތަކަށެވެ. އެއީ ރައްޔިތުންގެ ޓެކްސް ފައިސާ ނަގަނީ ރައްޔިތުންނަށް ރަނގަޅު މޮޅު ހިދުމަތްތަކެއް ކޮށްދޭނެ ކަމުގެ ވައުދާއި އެކު ކަމަށްވާތީއެވެ.

ކޮންމެވެސް ވަރަށް ބޭރުގެ ގައުމުތަކަށްވެސް ނަޒަރު ހިންގާލަމާތޯއެވެ. ސްވީޑެން، ނޯވޭ، ޑެންމާކް ފަދަ ގައުމުތަކުގައި ވަރަށް ގިނަ ހިދުމަތްތަކަކީ ދައުލަތުން ހިލޭ ފޯރުކޮށްދޭ ހިދުމަތްތަކެވެ. އޭގެތެރޭގައި ބޭސްފަރުވާ އާއި މަތީ ސާނަވީވެސް ހިމެނެއެވެ. އެހެންނަމަވެސް މިހުރިހާ ކަމެސް ވުމަށް އެގައުމުގައި ލިބޭ އެއްޗެއްގެ 50 އިންސައްތައަކީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްއެވެ. ރައްޔިތުން އެ ގައުމުތަކުގައި ވަރަށް ބޮޑު އަދަދެއް ޓެކްސްގެ ގޮތުގައި ދައްކައެވެ. އެހެންނަމަވެސް ލިބޭ ހިދުމަތްތަކުގެ އަގު އެމީހުން ވަޒަންކުރެއެވެ.

ޖަރުމަނުގައި ކިޔެވުމަކީ މުޅިން ހިލޭ ނުވަތަ ނުވަތަ ކިޔެވުމުގެ ކަންކަމަށް މާބޮޑު ހޭދައެއް ކުރާކަށް ނުޖެހެއެވެ. އެހެންނަމަވެސް އެ ގައުމުގައި ކިޔަވާކުދިން އެމީހުންގެ ކިޔެވުން ބަރާބަރަށް ނިންމާތޯ ބަލައެވެ. އެކުދިންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިފައިވާއިރު އެ ގައުމުގައި ސަރުކާރުން އެކުދިންގެ ޓްރެކް ރެކޯޑެއް ގެންގުޅެއެވެ. ހަމަ މިގޮތަށް ކެނެޑާ، ސިންގަޕޫރު އަދު ޔޫއޭއީގައިވެސް ލިބޭ ހުރިހާ ހިދުމަތަކީ މުޅިން ހިލޭ އޮންނަ ކަމެއް ނޫނެެވެ. ނުވަތަ ހިލޭ އެ ހިދުމަތްތައް ލިބޭއިރު އޭގެން ނަތީޖާއެއް ހާސިލްކުރުމަށް އެ ގައުމުތަކުން ބާރުއަޅައެވެ.

ރާއްޖެއަށް ނަޒަރު ހިންގާލާއިރު އެންމެނވެސް ބޭނުންވަނީ ހިލޭ ހުރިހާ ކަމެއް ލިބޭށެވެ. ދައުލަތަށް ކިތަންމެ ބުރަ ބޮޑުވިނަމަވެސް ރައްޔިތުންނަކީ ޓެކްސް ދައްކާ ބަޔަކަށް ވީތީ ހުރިހާ އެއްޗެއް ހިލޭ ބޭނުންވާ ކަމަށާއި އެއީ އެމީހުންގެ ހައްގެއް ކަމަށް ބުނެއެވެ. އެހެންނަމަވެސް ދައުލަތުން ހިލޭ ޑިގްރީއަށް ހޭދަ ކުރަނީ ވަރަށް ވެސް ބޮޑު އެއްޗެކެވެ. އެހެންނަމަވެސް އެ ލޯނުން ކުދިން ކިޔެވުން ވަކި ހިސާބަކުން ދޫކޮށްލާފައި އާދެއެވެ. އަނެއްބައި ކުދިންނަކީ އެމީހުގެ މަޖަލާއި ކުޅިވަރުތަކަށްވެސް އެފައިސާ ހަރަދު ކުރާ ކުދިންނެވެ. އެފައިސާގެ ބޭނުން ހިފައިގެން ގައުމަށް ހިދުމަތް ކުރަން އަންނަނީ އެކަށީގެންވާ އަދަދެއްގެ ކުދިންނެވެ.

ގައުމަކުން މިވަރުގެ ބޮޑު އިންވެސްޓްމެންޓެއް ކުރާއިރު އެފައިސާ އެގޮތުގައި ހޭދަކުރުމަކީ އެއީ އެންމެ ރަނގަޅު ތޯއެވެ. ގައުމެއް ކުރިއެރުމުގައި ބެލެންސެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. ގައުމެއްގައި ހިލޭ ހިދުމަތްތައް ލިބޭނީ ވަރަށް ބޮޑު ޒިންމާއަކާއިވެސް އެކުއެވެ. ރައްޔިތުންގެ އެއްބާރުލުމަކީ ގައުމަކަށް މުހިންމު އެއްޗެކެވެ. އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައި ވަކި ގޮތްތަކެއް ނެތި އިމެއް ނެތި އެއްވެސް ހިދުމަތަކީ ހިލޭ ލިބޭނެ އެއްޗެއް ނޫނެވެ. ގައުމެއް ކުރިއެރުމުގައި އެ ގައުމެއްގައި ދިރިއުޅޭ މީހުންގެ ބޮޑު ހިއްސާއެއް އޮންނަ ކަމަކީ ހަގީގަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: