މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން، ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރުގެ މި ދަތުރުފުޅަކީ ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ޖަމްޢިއްޔާ (އައިކާއޯ) އިން އިންތިޒާމްކޮށްގެން ބާއްވާ 2025 ވަނަ އަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި އޭޕްރީލް މަހުގެ 14 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓް އޮންނާނީ އޭޕްރީލް 17 ވަނަ ދުވަހުއެވެ. މި ސެގްމެންޓުގައި އައިކާއޯގެ މެންބަރު ޤައުމުތަކުގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރުންގެ މެދުގައި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އެންމެ ރަނގަޅު ފެންވަރެއްގައި އެއް ހަމައަކުން ފޯރުކޮށްދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާނެ ނިންމުންތަކަކަށް ވާސިލްވުމެވެ.
ކޮންފަރެންސްގައި ”ދޯހާ ޑެކްލަރޭޝަން އޮން ފެސިލިޓޭޝަން އޮފް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް 2025“ ގެ ނަމުގައި ޤަރާރެއް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޤަރާރަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އެކުލަވާލެވޭ ޤަރާރެކެވެ. މި ޤަރާރުގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންހިފައިގެން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން ދަތުރުވެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅާނެއެވެ.

