ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސެޓް ރިކަވަރީ ގާނޫނު މި މަހު ފޮނުވަން ބަންޑާރަ ނައިބަށް ހުށަހެޅިން، އަންނަ މަހު މަސައްކަތް ނިންމާލެވޭނެ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދު ކުރުމުގެ ގޮތުން އެ ބިލު މި މަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވުމަށް ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފައިވާކަމަށާއި، އަންނަ މަހު ޗުއްޓީއަށް ދިއުމުގެ ކުރި މަސައްކަތް ނިންމާލުމަށް ގަސްތު ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ނުހައްގުން ހޯދާފައިވާ ފައިސާތައް ބޭނުން ކުރާ ގޮތުގެ ޕެޓާން ސާފުކޮށް ފެންނަން އެބަހުރިކަމަށެވެ. މި ފައިސާތައް ބޭނުންކޮށްގެން ހުޅުމާލޭގެ ބިންތަކާއި އެޕާޓްމަންޓުތަކުގެ އިތުރު ޕެންޓް ހައުސް ގަތުން އާންމުވެފައިވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ގާނޫނެއް ވުޖޫދުކޮށްގެން ނަމަވެސް މިފަދަ މައްސަލަތައް ބެލޭނެ ގޮތެއް ހޯދަން ޖެހޭކަމަށެވެ.

އެޕާޓްމަންޓުތައް ގަތުމުގެ މިސާލެއްގެ ގޮތުގައި ނާޒިމް ކޮމިޓީގައި ދެއްކެވީ ޕޮލްކޯ މައްސަލައިގެ ތެރެއިން ހާމަވެގެން އައި ކަމެކެވެ. އެގޮތުން ޕޮލްކޯއިން ލާރި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ ބޭނުންކޮށްގެން ހުޅުމާލެއިން ބިމެއް ގަނެފައިވާ މައްސަލައެއް ނާޒިމް ފާހަގަކުރެއްވި އެވެ. ނާޒިމް ވިދަޅުވި ގޮތުގައި އެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރި ދިވެއްސެއް 15 މިލިއަން ރުފިޔާ ދައްކައި އެ ބިން ގަނެ، ފަހުން އެހެން މީހަކަށް ތަން ވިއްކާލި ކަމަށެވެ. އަދި ބިން ވިއްކާލީ ޓެކްސްއަށް އޮޅުވާލުމުގެ ގޮތުން ކުޑަ އަގެއްގައި 12 މިލިއަން ރުފިޔާއަށްކަމަށް ވިދާޅުވި އެވެ.

މިސާލަކަށް ދަންނަވާ ކަމަށް ވަންޏާ އަޅުގަނޑުމެން އެންމެ ފުރަތަމަ މިހާރު ކުރަންޖެހޭ ކަމަކީ މި ނުޙައްޤު މި ހޯދައި ހުރިހާ ފައިސާއެއް މިހިރީ ހުޅުމާލޭގެ އެޕާޓްމަންޓްތަކާއި ބިންތަކަށް އިންވެސްޓްކޮށްފަ … އަޅުގަނޑުމެންނާ ހަމަ ޕޮލްކޯގެ މައްސަލަތެރެއިން އެނގިފައި އެބައޮތް އިނގޭތޯ ހަމަ ޕޮލްކޯއިން ލާރި ނެގި ގޮތަށް އެއް މިލިއަން ޑޮލަރު.. ފަނަރަ މިލިއަން ރުފިޔާ ދީފައި ހުޅުމާލޭން ބިމެއް ގަތްކަން.. އެ ކުންފުނީގެ ޑިރެކްޓަރުން އިނގޭތޯ.. ދިވެއްސެއް.. ބިމެއް ގަތްކަން ދެން އެ ބިން ފަހުން އެހެން ފަރާތަކަށް ވިއްކާލިކަން ވެސް އެބައޮތް… ވިއްކާލިޔަސް އެއަށްވުރެ ކުޑަ އަގެއްގައި ޓެކްސް ނުދައްކަން ވެގެން.. ފަނަރަ މިލިއަނަށް ގާތް އެއްޗެއް ބާރަ މިލިއަނަށް ވިއްކާލީ.. އެހެންވީމާ މި ދެންނެވި ގޮތަށް އެ ސެޓުތައް ކްރިއޭޓްކޮށްފައި އެ ސެޓުތައް ފަށަލަކޮށްފައި މި ހުންނަނީ.. އެހެންވީމާ އަޅުގަނޑުމެންނަށް އެކަން އެނގެން މިހާރު އޭގެ އަސްލަށް ވާސިލައެއް އޮތީ އެސެޓު ރިކަވަރީ ގާނޫނު ވުޖޫދަށް ގެނެސްގެން

ނާޒިމް ވިދާޅުވި ގޮތުގައި ކަންކަން ރޭވިގެން މިފަދަ ގޮތަކަށް ދާއިރު، މައްސަލައަށް ހައްލެއް އޮތީ އެސެޓް ރިކަވަރީ ގާނޫނު ވުޖޫދު ގެނެސްގެންނެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ބައިނަލްއަޤުވާމީ ކޮންސަލްޓަންޓުންގެ އެހީގައި އެކުލަވާލާފައިވާ ބިލުގެ މަސައްކަތް ނިންމަން ޖެހޭކަމަށް ވިދާޅުވި އެވެ. މިއީ މާލީ ކަންތަކެއް އެކުލެވޭ ބިލަކަށްވާތީ، އެ ކަރުދާސް ތަޅުމަށް ހުށަހަޅަން ޖެހެނީ ސަރުކާރުގެ ފަރާތުންކަމަށް ނާޒިމް ވިދަޅުވި އެވެ.

އެސެޓް ރިކަވަރީގެ ގާނޫނާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް މި މަހުގެ ނިޔަލަށް ހުށަހަޅައިދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފައިވާނެކަން ހާމަކުރައްވައި ނާޒިމް ވިދާޅުވީ މަޖިލީހުގެ ހިނގަމުން ދާ ދައުރު ނިންމައި މޭއި 15 ގައި ޗުއްޓީއަށް ދިއުމުގެ ކުރިން މަސައްކަތް އޭރުން ނިންމާލެވޭނެ ކަމަށެވެ. އަދި ބިލު ވުޖޫދަށް ގެނެވި، ތަންފީޒު ކުރެވޭ ހިސާބުން ސަރުކާރުގެ އިދާރާތަކުންނާއި އެހެން ތަންތަނުން ނުހައްގުން ހޯދާ ފައިސާ މެދުވެރިކޮށް އުފަންކޮށްފައިވާ އެސެޓުތައް ހޯދޭނެކަމަށް ނާޒިމް ވިދާޅުވި އެވެ.

އެޕާޓްމަންޓުތަކުގެ މައްސަލައިގައި ކަނޑައެޅިގެން ހާމައަށް ފެންނަން ހުރި ބައެއް ކަންތައްތައް ވެސް އެބަހުރިކަމަށް ނާޒިމް ވިދާޅުވި އެވެ.

އެހެންވީމާ އަޅުގަނޑުމެން މިހާރު ބަންޑާރަ ނާއިބަށް ދަންނަވާފައި ވާނެ އެ ބިލު މި މަހުގެ ނިޔަލަށް މަޖިލީހަށް ފޮނުވައިދެއްވާށޭ.. އޭރުން އަޅުގަނޑުމެން މި ދައުރު ނިންމާފައި މޭ މަހު 15 ގައި ޗުއްޓިއަށް ދިއުމުގެ ކުރިން.. އެ ބިލު ވުޖޫދަށް ގެނެވިއްޖެ ކަމަށްވަންޏާ މި ދެންނެވި ގޮތަށް ސަރުކާރުގެ އިދާރާތަކުންނާއި ދެން ތަނުން ނުޙައްޤުން ހޯދާ ފައިސާއަށް އުފަންކޮށްފައި ހުރި އެސެޓުތައް އަޅުގަނޑުމެންނަށް ހޯދާފައި އެ އެސެޓުތަކުން ހޯދަން އަޅުގަނޑުމެންނަށް މަގު ފަހިވެގެންދާނެ..

މިހާރު ވެސް ގާނޫނުލްއުގޫބާތުގައި ނުހައްގު މުއްސަނދިކަމެއް ލިބޭ މީހެއްގެ މައްސަލަތައް ބެލުމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތުތައް ބަޔާންކޮށްފައި ވެއެވެ. އެގޮތުން ދައުލަތުގެ އިސް މަގާމެއްގައި ހުރި، ނުވަ މަގާމެއް އަދާކުރި މީހެއްގެ ދިރިއުޅުމަށް ކުއްލިއަކަށް އަންނަ މުއްސަނދިކަމެއް ބަލައި އެ މީހަކަށް ދައުވާ ކުރުމުގެ ބާރު މުވައްސަސާތަކަށް ވަނީ ލިބިދީފަ އެވެ.

އެހެން ނަމަވެސް ފައިސާ ނަހަމަ ގޮތުގައި ބޭނުކޮށްގެން ލިބޭ މުދާ ދައުލަތަށް ނެގޭނެ ރަނގަޅު ނިޒާމެއް ނެތް އިރު، ދައުލަތަށް ގެއްލިފައިވާ ފައިސާއާއި މުދާ ހޯދުމަށް ގާނޫނެއް ވުޖޫދު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

އެމަނިކުފާނު ވަނީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ވިއްކައިގެން ކުޑަ ފައިދާއެއް ހޯދުން ފަދަ ކަންކަން ކޮށްފައިވާ މީހުންގެ އަތުން އެ ފައިސާތައް ރިކަވާރ ކުރެވޭނެ ނިޒާމެއް ގާއުމު ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއިން ބޭރުގައި ރައްކައުކޮށްފައި ހުރި ރައްޔިތުންގެ ފައިސާވެސް ހޯދުމުގައި މިހާރަށްވުރެ ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތެއްގެ މަތިން ކަންކަން ހުރި ގޮތް ބަލައިގެން އެސެޓް ރިކަވަރީ ގާނޫނެއް ފަރުމާ ކުރެވިގެން ދާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި ބިލުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އެފަދަ ގޮތަކަށް ހޯދާފައި ހުރި ފައިސާ ހޯދި، ރާއްޖެއިން ބޭރަށް ގެންގޮސްފައިވާނަމަ އެ ފައިސާ ވެސް ހޯދޭނެކަމުގައި ރައީސް ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: