އޭޕްރިލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައިވަނީ ބަޖެޓުގެ 18.48 އިންސައްތަކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން ނިމިދިޔަ އަހަރުގެ އޭޕްރިލް 10 ވަނަ ދުވަހު އާމްދަނީ ލިބިފައިވާ ވަރަށްވުރެ މި އަހަރު ލިބިފައިވާ އަދަދު އިތުރެވެ. މި އަހަރު ލިބިފައިވަނީ ޖުމުލަ 11.23 ބިލިއަން ރުފިޔާއެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 10.70 ބިލިއަނެވެ.
ނިމިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ފާހަގަކުރެވޭ މިންވަރަކަށް ހަރަދުތައް ދަށްކުރެވިފައިވެއެވެ. މި އަހަރުގެ އޭޕްރިލް 10 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައިވަނީ 9.09 ބިލިއަން ރުފިޔާކަމަށްވާއިރު ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 11.84 ބިލިއަން ހަރަދުކޮށްފައިވެއެވެ. އެހެންކަމުން ނިމިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ހަރަދުތައް 23.23 އިންސައްތަ ދަށްކަން ފެނިގެންދެއެވެ. މި މުއްދަތަކުގެ ތެރޭގައި ރިކަރެންޓް ހަރަދަކީ 8.40 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ހަރަދުތައް ހުރީ 693.3 މިލިއަން ރުފިޔާއެވެ.
ޖުމުލަ އާމްދަނީގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 8.70 ރުފިޔާކަމަށްވާއިރު ޓެކްސް ނޫން އާމްދަނީގެ އަދަދު 2.48 ބިލިއަން ރުފިޔާއެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ކޮންމެވެސް ވަރަކަށް ދަށްވެފައިވާއިރު މި އަހަރުގެ ތެރޭގައި ޓެކްސް ނޫން އާމްދަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވެއެވެ.
މި މުއްދަތަކުގެ ތެރޭގައި ޕީއެސްއައިޕީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ޓްރާންސްޕޯޓު ދާއިރާ ހަރުދަނާ ކުރުމުގެ މަސައްކަތްތަކަށެވެ. މި ދާއިރާގެ މަސައްކަތްތަކަށް އޭޕްރިލް 10 ވަނަ ދުވަހުގެ ނިޔަލަށް 392.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތަކަށެވެ. މި ދާއިރާއަށް 138.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ރާއްޖޭގެ ވެށި ހިމާޔަތްކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް 86.1 މިލިއަން ރުފިޔާ އަދި ހައުސިންގް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި 53.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި މުއްދަތުގެ ތެރޭގައި ޕީއެސްއައިޕީގެ ގޮތުގައި 736.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

