ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަކަމަށް އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ.
ޒަކިއްޔާގެ އެއްބަނޑުއެއްބަފާ ކޮއްކޮ އާމިނަތު ޝަޒިއްޔާ ގެ ފަރާތުން ބުރާސްފަތި ދުވަހު ވަނީ ނޫސްބަޔާނެއް ނެރެފައެވެ. މި ނޫސްބަޔާނުގައި ބުނެފައިވަނީ ޒަކިއްޔާ މޫސާގެ ޢާއިލާގެ މެންބަރުންތަކެއް ހިމެނޭ ގޮތުން ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އިންޞާފު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޒަކިއްޔާގެ އާއިލާގެ ފަރާތުން ވަނީ ވާޗުއަލް އޮޓޮޕްސީގެ މަޢުލޫމާތު ހޯދުމަށް 10 އޭޕްރިލް 2025 ގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަށް ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް މި ސިޓީގެ ޖަވާބެއް މިހާތަނަށް މިނިސްޓްރީގެ ފަރާތުން ދީފައިނުވާކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އާއިލާއިން ބުނީ، 15 އޭޕްރިލް 2025 ގައި ފުލުހުންގެ ބައެއް އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށާއި، މި ބައްދަލުވުމަކީ ފުލުހުންގެ އެދުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި ވާޗުއަލް އޮޓޮޕްސީއެއް ކަމަށް ފުލުހުން ބުނާ ޑޮކިއުމަންޓެއް ގެނައި ކަމަށާއި، އެ ޑޮކިއުމަންޓުން އެންމެ ކުޑަމިނުން ޒަކިއްޔާ މޫސާ އަމިއްލަ އަށް ކަރުގައި ވަޅި އަޅާފައިވަނީ ކޮޅަށް ހުރުގެން ކަމެއް، އިށީނދެ އިނދެގެން ކަމެއް ނުވަތަ އޮށޯވެ އޮވެގެން ކަމެއްވެސް ސާފުނުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ލިބިފައިވާ ޒަޚަމްތަކުގެ ފުންމިން ފަދަ މުހިންމު މަޢުލޫމާތު އެނގެން ނެތްކަމަށް ވަނީ ބުނެފައެވެ.
އޭގެ އިތުރުން، އޭގައި ހިމެނޭ 4 ގަނޑު ފޮޓޯ އަކީ ސީނުން ނަގާފައިވާ ފޮޓޯތަކެއް ކަމަށްވެފައި، މަރުޙޫމާގެ މުޅި ހަށިގަނޑުގެ 3ޑީ ސްކޭނެއް ހަދާފައިވާކަން އެނގެން ނެތްއިރު އަދި އެ ޑޮކިއުމަންޓުގައި އޮތީ ޢާންމު އުޞޫލުން ރިޕޯޓެއް އޮންނަ ފޯމެޓަކަށް ކަމުގައިނުވާއިރު، އަދި އޭގައި ސުވާލާއި ޖަވާބު ތަކެއް ހުރުމުން ބޮޑަށް ޤަބޫލުކުރެވެނީ އެއީ ރިޕޯޓެއް ނޫން ކަމަށްވެސް އާއިލާއިން ދެކެއެވެ.
ރިޕޯޓެއްގައި ބަޔާންކުރާނީ ހޯދުންތަކެވެ. މެޑިލަކް ޖާނަލަސްތަކާއި ދިރާސާތަކަށް ރިޢާޔަތްކޮށް ވަކި ސުވާލުތަކަކަށް ރިޕޯޓެއްގައި ސުވާލާއި ޖަވާބު ހިމަނައިގެން ޖަވާބުދޭނެ ކަމަށް ނުވަތަ އެފަދަ ފޯމެޓަކަށް ރިޕޯޓެއް އޮވެދާނެ ކަމަށް ނުދެކެމެވެ.
އެހެންކަމުން ޢާއިލާގެ ފަރާތުން އެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. އޭގެ ބަދަލުގައި އެއީ ޞައްޙަ ރިޕޯޓެއްނަމަ އެ ރިޕޯޓު ބަލައި ދިރާސާކުރުމަށް ފަންނީ ބޭފުޅުންނާއެކު ފުރުޞަތު ދޭންނުޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ކުރިއަށްހުރި މަރުޙަލާތަކުގައި ޝަރުޢީ ކޯޓު މެދުވެރިކޮށް ހެކި ހާމަކުރުމާގުޅޭ އަމުރަކަށް އެދުމަށް ޢާއިލާއިން ގަސްތުކުރާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ނަފްސާނީ ބަލީގެ ބާވަތަކީ ކޮބައިކަން އެންމެ ކުޑަމިނުން ސާފުކޮށްދޭންޖެހޭއިރު، މީހާ އަމިއްލަ އަށް ނާފުތައް ބުރިކޮށް ކަރުގައި ދެފަރާތުން ވަޅި އަޅާ ޒާތުގެ ނަފްސާނީ ބަލީގެ ގޮތުގައި ޒަކިއްޔާ މޫސާ ޑައިގްނޯސް ކުރެވިފައިވާ ބައްޔެއްވެސް މިހާތަނަށް ތަޙްޤީޤުން ސާފުކޮށްދީފައިނުވާކަމަށް އާއިލާއިން ބުނެއެވެ.
ފުލުހުންނާއެކު ބޭއްވި މި ބައްދަލުވުމުގައި އެދިފައިވަނީ މި މައްސަލައިގެ ތަޙްޤީޤު ނިންމާލުމަށް ނުވަތަ އަމިއްލަ މަރެއްކަމަށް ބަޔާންކޮށް ތަޙްޤީޤު ނިންމާލުމަށް މިވަގުތަށް މަޑުޖައްސައިދިނުމަށެވެ. އަދި މިގޮތަށް އެދުނީ ދައުލަތުގެ އެހެން މުއައްސަސާތަކުން މި މައްސަލަ ބަލުންދާތީ މިފަދަ ނިންމުމެއް ނިންމުން އިންޞާފުވެރި ގޮތަކަށް ނުވާނެތީކަމަށްވެސް އާއިލާއިން ފާހަގަކޮށްފައިވެއެވެ.

