މޭ މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާ އެކު ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސްވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ނޫސްުވެރިންނާއި ބައްދަލުކުރައްވާނެކަން އާންމުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެ ދުވަހު ކުރިއަށް ގެންދާ ބައްދަލުވުމުގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރެވޭނެކަމަށެވެ. އެހެންކަމުން މިހާރުން ފެށިގެން އެކަމަށް ތައްޔާރުވުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސް ވިދާޅުވީ، ޓީވީ ސްޓޭޝަނަކުން ދައުވަތު ދީފި ހާލަތުގައި އެ ސްޓޭޝަނަކުން ކުރިއަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވުމަށްވެސް ތައްޔާރަށް ހުންނެވިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހުރިހާވެސް އަމާޒަކީ ނަތީޖާ ނެރެދިނުންކަމަށާއި އެހެންކަމުން އެމަނިކުފާނު ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތްތަކުގެ ތެރޭގައިކަމަށެވެ. ނަމަވެސް ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން މައުލޫމާތު ހިއްސާކުރެއްވުމުގެ މަސައްކަތްތަކަށް ވަގުތު ހުސްކުރައްވާނެކަމަށާއި ކުރިއަށް އޮތް ތަނުގައި ސީދާ ނޫސްވެރިންނަށްވެސް ވަގުތު ދެއްވާނެކަމަށެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކުރެއްވުމާއި ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ. އެ މަނިކުފާނުގެ ސަރުކާރުގެ އެކި ވުޒާރާތަކުންވެސް ސިލްސިލާ ގޮތެއްގައި ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދަވާއިރު، ސީދާ އެމަނިކުފާނުގެ ވާހަކަފުޅުތައްވެސް އެކި ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.

