މި ހަފްތާގައި ސްކޭމްތަކުގެ މައްސަލަތައް ހުށަހެޅުނު މިންވަރު މަދުކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގުރާމުގައި ފުލުުހުންގެ ސްކޭމް ސެންޓަރުގެ ފަރާތުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސަލީމު ވިދާޅުވީ، ފުލުހުންގެ ސްކޭމް ސެންޓަރަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެެ ތެރޭގައި އެޗްޑީސީގެ ހައިސިއްޔަތުން ގުޅާ، އެ ފަރާތްތަކަށް ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ސްކޭމްތަކުގެ މައްސަލަ މިފަހުން ލިބިފައިވާކަމަށެވެ. އެގޮތުން، މި ސްކޭމްތަކުގެ ޝިކާރައަކަށްވި ފަރާތްތަކުގެ އަތުން 50،000 އަދި 100،000އިން ރުފިޔާގެ އަދަދަކަށް ރުފިޔާ ގެއްލިފައިވާކަމަށް ސަލީމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނަށް ފާހަގަކުރެވުނު އިތުރު ސްކޭމްގެ މައްސަލައަކީ، ދާދިފަހުން މީހުންގެ މެދުގައި މަގްބޫލުވެފައިވާ އޮންލައިން ވިޔަފާރި ޕްލެޓްފޯމް ޓެމޫގެ ނަން ބޭނުންކޮށްގެން ހިންގޭ ސްކޭމްތަކެވެ.
ސަލީމް ވިދާޅުވެފައިވާ ގޮތުގައި، މި ހަފްތާގެ ތެރޭގައި ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ފުލުހުންނަށް ރިޕޯޓުކުރެވިފައިވާ މަކަރާއި ހީލަތުގެ (ސްކޭމް) މައްސަލަތަކުގެ އަދަދު ދަށްވެފައިވެއެވެ. މި ކުރިއެރުން ޙާޞިލުވެފައިވަނީ ދެ މައިގަނޑު ސަބަބަކާ ހުރެއެވެ. މިއީ ފުލުހުން އެކި ފަރާތްތަކީ ގުޅިގެން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސަބަބުންނާއި ގާނޫނަަށް ގެނެވުނު ބަދަލާއިއެކު ފުލުހުންނަށް ލިބުނު އެކައުންޓްތައް ފްރީޒްކުރުމުގެ ބާރުލިބުމާއިއެކު، ގިނަ އަދަދެއްގެ އެކައުންޓް ފްރީޒްކުރުމުގެ ނަތީޖާކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިން ވެއްޖެ ނަމަ މިހެން މިކަހަލަ ބާތުގެ ކަމެއް ހިންގިޔަސް ބައެއް ފަހަރެއްގަ އެކައުންޓެއް ފްރީޒްނުވެ އިންދެދާނެ، މި ސެންޓަރުގެ މަސައްކަތް ފެށުމުގެ ކުރިން ނަމަވެސް މިހާރު އަޅުގަނޑުމެން ހަމަ އެކައުންޓް ފްރީޒްކުރަން، ފްރީޒްކުރުމާއިއެކު އަޅުގަނޑުމެންގެ ނަތީޖާ ރަނގަޅުވެގެން އައިކަމަށް އަޅުގަނޑުމެން މި ބަލަނީ
ސަލީމު ވިދާޅުވެފައި ވަނީ، ސްކޭމްތަކުގެ މައްސަލަތައް ބެލުމުގައި ކުރިއެރުންތައް ލިބިފައި ވަނީ، ސްކޭމް ސެންޓަރު ތައާރަފުކުރުމާއި ގުޅިގެންކަމަށެވެ. އެގޮތުން، މި ސެންޓަރު ވުޖޫދަށް އައުމަށްފަހު، އެކައުންޓުތައް ފްރީޒްކޮށް، ސްކޭމްގެ މައްސަލަތައް ތަހްގީގުކުރުމަށް ފަސޭހަތަކެއް ލިބިފައިވާކަމަށް ވިދާޅުވި އެވެ.
ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނެގުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މި ހަފުތާގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތައް މަދުކަމުގައި ވީނަމަވެސް، ގިނަ ފަހަރު ސްކޭމްގެ މައްސަލަތަކަކީ އާ ގޮތްތަކަށް އީޖާދުކުރެވެމުންދާ ކަމެކެވެ. މިފަދަ ސްކޭމްތަކުގެ ސަބަބުން ގިނަ ފަރާތްތަކުގެ މިލްކިއްޔާތުގައިވާ ފައިސާ ގެއްލެމުންދެއެވެ. މި ކަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންގެ ޚިދުމަތަށް ގެނެވުނު އިންޤިލާބީ ބަދަލުތަކާއެކު، މިދިޔަ އަހަރުގެ ޖޫން މަހުގައި ވަނީ ސްކޭމް ސެންޓަރެއް ޤާއިމުކޮށްފައެވެ. މި މަރުކަޒުގެ މަޤްޞަދަކީ ސްކޭމްގެ މައްސަލަތައް ހުއްޓުވުމާއި، އެފަދަ ކުށްތަކާ ގުޅޭ ތަޙުޤީޤުތައް ހަރުދަނާކުރުމެވެ.

