2024 ވަނަ އަހަރުގެ ލޭބާ ފޯސް ސާވޭ ހުޅުމާލެ އަދި މާލެ ސަރަހައްދުގައި އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
މި ސާވޭގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްކުރާ އާބާދީގެ ނިސްބަތާއި، ވަޒީފާ ނެތް މީހުންގެ ނިސްބަތް ދެނެގަތުމެވެ. މީގެ އިތުރުން، އާބާދީގެ އާންމު މަޢުލޫމާތު، ހިޖުރަކުރުން، ތަޢުލީމް، ވަޒީފާ އަދި އާމްދަނީއާ ގުޅޭ ތަފްޞީލީ މަޢުލޫމާތު އެއްކުރެވޭނެއެވެ.
ބިއުރޯއިން ފާހަގަކުރި ގޮތުގައި، މި ސާވޭއިން އެއްކުރެވޭ މަޢުލޫމާތަކީ ސިއްރު މަޢުލޫމާތެވެ. އަދި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، ހުއްދަ ލިބިފައިވާ ފަރާތްތަކަށް ތެދު މަޢުލޫމާތު ދިނުމަކީ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެކެވެ.
މި ސާވޭގެ ކާމިޔާބު ގޭބީސީތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް ބޮޑަށް ބަރޯސާވެފައިވާކަން ބިއުރޯއިން ފާހަގަކޮށްފައިވެއެވެ. އަދި މި ޤައުމީ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމް ހަރުދަނާކުރުމަށް ކުރެވޭ މުހިންމު ޚިދުމަތެއްކަމުގައި ބަޔާންކޮށްފައިވެއެވެ.
ސާވޭއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބިއުރޯގެ ނަންބަރު 3008400 އަށް ރަސްމީ ގަޑީގައި ގުޅުމަށާއި، އަދި އިތުރު މަޢުލޫމާތު ބިއުރޯގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.

