ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްސަލަ ބަލާ ކޮމިޓީން ހަގީގަތާއި ހިލާފު ރިޕޯޓެއް ތައްޔާރު ކޮށްފައިވާ ކަމަށް ވިދާޅުވެ އޭގެ ތަފްސީލްތަކާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސިޓީއެއް ފޮނުއްވައިފިއެވެ.
ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވާ އަޒްމިރަލްދާއާއި ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ދޫކޮށްލަން ދަށު ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލާގައި ރިޕޯޓް ވަނީ ތައްޔާރުކޮށްފައެވެ.
އެ ރިޕޯޓްގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާއި ބައިވެރިވެގެން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސޮޕްއަތު ހަބީބް މެދުވެރިކޮށް ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއްކަމަށް ނިންމައި ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ކޮމިޓީން ނިންމާފައިވެއެވެ.
އެ ރިޕޯޓާ ގުޅޭގޮތުން ފަނޑިޔާރު އަޒްމިރަލްދާ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ބުނީ ކޮމިޓީގެ ނިންމުމަކީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ކޮމިޓީގެ މެންބަރުންގެ ގަބޫލުކުރުންތަކަކަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ކޮމިޓީގެ ރިޕޯޓްގައި ހަގީގަތާ ހިލާފަށް ބަޔާންކޮށްފައިވާ ބައެއް ކަންކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޑރ. އިސްމާއިލް ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ނޫން ކަމަށް ފަނޑިޔާރު ހުށަހެޅުއްވި ހެކިތަކުން އެނގެން އޮތްއިރު، ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައި އޮތީ އޭނާ ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ކަމަށް ވަކީލް ފާހަގަ ކުރެއްވިއެވެ.
ވަކީލްގެ ބަޔާނުގައި ވަނީ ޑރ. އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރި މައްސަލާގައި އަޒްމިރަލްދާ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒު ފޯރުވާފައި ނުވާނެކަން ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށާއި ޑރ. އިސްމާއިލް ބަންދުގައި ހުއްޓާ އަޒްމިރަލްދާ އެއްވެސް ފަނޑިޔާރަކަށް ގުޅާފައިނުވާ ކަން ވެސް އެނގެން އޮންނަ ކަމަށެވެ.
އެކަން ސާފުކޮށް ސާބިތުވާން އޮތުމުން، ފަނޑިޔާރު މަހާޒު މެދުވެރިކޮށް ދަށު ކޯޓުގެ ގާޒީންނަށް ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނެ ކޮމެޓީގެ ތުހުމަތު ބަދަލު ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. ނަމަވެސް، އެކަން ވެސް އެގޮތަށް ހިނގާފައިނުވާ ކަމަށް ވަކީލް ބުނެފައިވެއެވެ.
ޑރ. އިސްމާއިލް ހެނދުނު 10:38 ގައި ބަންދުން ދޫކޮށް، އެ އަމުރުގައި ގާޒީ ޒިހުނީ ސޮއި ކުރައްވާފައިވަނީ 10:55 ގައެވެ. ނަމަވެސް ދުވަހުގެ އިރުއޮއްސި 6:28 ކުރިން ފަނޑިޔާރު އަޒްމިރަލްދާ، ފަނޑިޔާރު މަހާޒުއާ އެއްވެސް ގޮތަކުން ވާހަކަ ދައްކާފައިނުވާ ކަމަށް ވަކީލްގެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް ބަޔާނުގައި ބުނިގޮތުގައި ޑރ. އިސްމާއިލް ބަންދާ މެދު ގޮތެއް ނިންމި ގާޒީއަށް އަދި އެ ނޫން ގާޒީއަކަށް ވެސް އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނާ މީހަކުނެތެވެ. އެފަދައިން ނުފޫޒު ނުފޯރުވާކަން ބަންދާ މެދު ގޮތެއް ނިންމި ގާޒީގެ ބަޔާނުން ވެސް އެނގޭ ކަމަށާއި އެއީ ނަފީ ނުކުރެވޭނެ ހަގީގަތްތަކެއް ކަމަށް އެ ބަޔާނުގައިވެއެވެ.
ކޮމިޓީގެ ނިންމުމަށް ވާސިލްވުމުގައި ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި ހުރިހާ ހެއްކެއް ބަލައިނުގަތުމަށް ވަނީ ނިންމައިފައެވެ. އަދި އެ ނިންމުން ނިންމާފައިވަނީ އެ ހެކިތަކުން ސާބިތުކުރަން ބޭނުންވާ ކަންކަން އެނގެން ނެތި ކަމަށާއި އަދި އެ ހެއްކަށް ރިއާޔަތް ކުރި ނަމަވެސް ތަހުގީގަށް ހޯދިފައިވާ ކަންކަން ނަފީ ނުކުރެވޭނެ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ވަކީލްގެ ބަޔާނުގައި ބުނެފައިވެއެވެ.

