މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ޒުވާން އަންހެން މީހާ އާއި އޭނާއާ އެކު ހުރި ފިރިހެން މީހާ ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ފިރިހެން މީހާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ބިނީ އަންހެން ކުއްޖާ ވެއްޓުނީ، ޖެހިގެން ހުރި ހާޑްވެއަރ ގުދަނެއްގެ ފުރާޅަށް ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 7:23 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އޭރު އެތަނަށް ފުލުހުން ދިޔައިރު އެ އަންހެން މީހާ ކޮންމެވެސް ވަރަކަށް ހަރަކާތް ކުރާ ކަމަށް ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އޭނާ އައިޖީއެމްއެހް ހޮސްޕިޓަލަށް އޭނާ ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ދިމާވާން މެދުވެރިވި ކަމަށް ބުނާ ކަންކަން ފުލުހުން ހިސާކޮށްފައިވެއެވެ. އެގޮތުން އެ ދެ ޒުވާނުންނާއިއެކު އުޅުނު މީހުންވެސް މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެމީހުންގެ ޓެސްޓު ހަދަން އެއްބަސްވެފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ހާދިސާ ހިނގި ގޭގައިި ހަރަކާތްތެރިވި ފިރިހެން މީހާ ކެނެބިސްއަށް ޕޮޒިޓިވް ކަމަށް ވަނީ ބުނެފައެވެ. އަދި އަންހެން މީހާގެ ޓެސްޓުގެ ނަތީޖާ ލިބިފައި ނުވާކަމަށް ބުނެފައިވެއެވެ. މި 2 މީހުންގެ ސާމްޕަލް ނަގާފައިވަނީ ހާދިސާ ހިނގި ދުވަހުގެ އަނެއް ދުވަހުއެވެ. (19 ވަނަ ދުވަހުއެވެ).
މި ހާދިސާ އާއި ގުޅިގެން އެ ފިރިހެން މީހާއަށް އެކި ތުހުމަތުތައް ކުރެވެމުން ދާއިރު ފުލުހުން ދެއްކި ފުޓޭޖުގައި އެ އަންހެން މީހާ ވެއްޓޭ މަންޒަރެއް ފެނިފައެއް ނުވެއެވެ. 9 ވަނަ ފަންގިފިލާގައި ސީސީޓީވީ ނެތް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނެފައިވަނީ ތަހުގީގަށް އެނގިފައިވާ ގޮތުން އޭނާ ވެއްޓުނީ ފެންލައިޓުން ކަމަށެވެ. އެއީ ޓެރަސް ހުރީ ލޮކު ކޮށްފައި ކަމަށާއި، ޓެރަސްގެ ލޮކު ހުޅުވީ ފުލުހުން ހެނދުނު ގޮސްކަމަށް ވަތީއެވެ.
މި ހާދިސާގައި ކުރެވޭ ތުހުމަތުގެ ތެރެއިން އޭނާއަށް ގަދަކަމުން އެއްވެސް އަމަލެއް ހިންގާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ. އޭނާ ވެއްޓިފައި އޮތް އިރު އެ އަންހެން މީހާ ލައިގެން އޮތީ އެ ފިރިހެން މީހާގެ ޓީޝާޓެވެ.

