ޒުވާނަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއްކަމަށް ފާހަގަކޮށް، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ރާއްޖޭގައި ބިރަކާ ނުލާ މަޖާކުރެވެން ޖެހޭ ކަމަށް ބުނެ އެކަން ޕްރޮމޯޓްކުރި މީހުންކަމަށް، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޖަލްސާގައެވެ. އެމަނިކުފާނު ވިދާޅުވީ ހިނގައިގެން މިއުޅޭ ކަމަކީ ވަރަށް ހިތާމަވެރި ހާދިސާއެއްކަމަށެވެ. މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އެމަނިކުފާނު ގަބޫލުކުރާ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުންކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އިންސާފަށް ލޯބި ކުރާނަމަ ގަބޫލުކުރަން ޖެހޭ ހަގީގަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޒުވާނުންގެ ތެރެއިން ބައެއް ކުދިން ނުބައި އޮއިވަރެއްގައި ޖެހިގެން ދިޔައީ މާތް ވެގެންވާ އިސްލާމް ދީންގެ އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫންކަމަށް ދެެއްކުމުންކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، މި ކަންތައްތަކުގެ ސަބަބުން ވިކްޓިމައިޒްވެފައި ތިބި ޒުވާންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަމުންދާކަމަށެވެ.
އެ ކުދިން އެ މަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން މި ގައުމުގައި އޮތް މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކާއި އަޅުގަނޑުމެން ތެރޭގައި އޮތް ރީތި އާދަކާދަތަކުން ބޭރަށް މި ގައުމު ނެރެ އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާގެ ސަބަބުން އޭގެ ވިކްޓިމައިޒްވެފައި ތިބި ޒުވާންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން.
ރައީސް ވިދާޅުވިއެވެ.
ފުލުހުންނަކީ ރައްޔިތުންނަށް ދޮގު ހަދާ، އޮޅުވާލާނެ ބައެއްކަމަށް ގަބޫލު ނުކުރާކަމަށެވެ. އަދި އެހެން އެކަން ކޮށްގެން ފުލުހުންނަށް ވާނެ މޮޅެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. މިއީ ބައިބައިވުން އުފައްދާ ފިތުނަ އުފައްދަން މަސައްކަތް ކުރައްވާ ފަރާތްތަކުން ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލަން ކުރާ މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.
ކާކު ކަން ނޭނގޭ މީހުން ފަތުރާ ދޮގުތަކުގައި ޖެހި، ރައްޔިތުން އެ ދޮގުތަކުގެ އަޅުންނަށް ވެގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މާތް ﷲ ދެއްވާފައިވާ ބުއްދީގެ ބޭނުން ހިފުމަކީ ”ޗޮއިސެއް“ ނޫންކަމަށާއި އެއީ ވާޖިބެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

