އަޔާދީ ތަކާފުލްއިން ރާއްޖޭގެ އެކި ސިޓީތަކަށް ގޮސް، އެ ކުންފުނީގެ ޕްލޭންތަކާއި ޕްރޮޑަކްޓުތަކުގެ މައުލޫމާތު ހިއްސާކުރުމަށް ނިންމައިފިއެވެ. މިހާތަނަށް މާލެ ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް، އެހެން ސަރަހައްދުތަކަށްވެސް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް އަޔާދީ ތަކާފުލްގެ އެސިސްޓަންޓް އޮފިސަރ ފާތިމަތު ދަހާއު އަޝްރަފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ދަހާއު ވިދާޅުވީ، ފެމިލީ ތަކާފުލްއަކީ އިސްލާމިކް ލައިފް އިންޝުއަރެންސްއެއް ކަމަށާއި، އޭގެ ދަށުން ޝަރީއާ ހުއްދަކުރާ ގޮތަށް ޑިޒައިން ކުރެވިފައިވާ ތިން ޕްރޮޑަކްޓެއް ހިމެނޭ ކަމަށެވެ. އެއީ ކަމަނަ، ޗައިލްޑް އެޑިއުކޭޝަން އަދި އިންވެސްޓްމެންޓް ތަކާފުލް ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ދަހާއު ވިދާޅުވީ، މިއީ ދަރިފުޅުގެ ކިޔެވުމަށް އިތުރު މަގެއް ފަހިކޮށްދިނުމަށް ޚާއްސަކުރެވިފައިވާ ޕްލޭނެއް ކަމަށެވެ. މި ޕްލޭން ނެގުމަށް ބޭނުންވަނީ ހަމައެކަނި ކުއްޖާގެ އައިޑީ ކާޑާއި ބެލެނިވެރިޔާގެ އައިޑީ ކާޑު ކަމަށާއި، ކޮންމެ ބެލެނިވެރިއަކަށްވެސް މި ޕްލޭން ނެގުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”ވިހާވެސް ކުޑަ އުމުރެއްގައި މި ޕްލޭން ނެގުމުން، އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ. އަދި ތަފާތު ގިނަ ފައިދާތަކެއް މި ޕްލޭނުން ލިބޭނެ،“ ދަހާއު ވިދާޅުވިއެވެ.
އަޔާދީ ތަކާފުލްއިން މިފަދަ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، އެ ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު އިތުރަށް ފުޅާކޮށް، ގިނަ ބަޔަކަށް މި ޚިދުމަތްތަކުގެ ފައިދާ ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.

